19 Aug 2013, 13:02
އާ ހާބަރު ސަރަހައްދުން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ބިންދޫކުރުން ހުއްޓުވުމަށް ދައުލަތުގެ ފަރާތުން އަނެއްކާ ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވީ ސިވިލް ކޯޓުން އިއްޔެ އެ މައްސަލަ ބާތިލުކޮށްފައި ވާތީ މިއަދު އަނެއްކާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުވާގައި އެދިފައި ވަނީ އާ ހާބަރު ސަރަހައްދުން ބިންތައް ބީލަމަށް ހުޅުވާލި ހުޅުވަލުމަކީ ބާތިލު ކަމެއްގެ ގޮތުގައި ޝަރީއަތުން ކަނޑައަޅައި ދިނުމަށް ކަމަށެވެ.
އެ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިމެންދެން އާ ހާބަރު ސަރަހައްދުން އެއްވެސް ފަރާތަކަށް ބިން ދޫނުކުރުމަށާއި އެފަދަކަމެއް ކޮށްފައިވާ ނަމަ އެކަމަށް އަމަލުކުރުން ފަސް ކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
އާ ހާބަރު ސަރަހައްދު ތަރައްގީ ކުރުމަށް މަހަކު 400،000 ރުފިޔާ އަށް، 25 އަހަރު ދުވަހަށް މާލޭ ސިޓީ ކައުންސިލުން ކުއްޔަށްދީފައި ވަނީ ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓާ އެވެ.