19 Aug 2013, 12:58
އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގޯސް ވާހަކަތައް ދައްކައިވައިގެން އެހެން ކެންޑިޑޭޓަކަށް ވޯޓުތަކެއް ދޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ދަތުރުފުޅެއްގައި ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެން ނޫސްވެރިންކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ނަޝީދު ވިދާވީ ރައްޔިތުން ބޭނުންވަނީ އެމީހުނަށް ކޮދޭނީ ކޮން ކަމެއްތޯ ބަލަން ކަމަށާއި އެމަނިކުފާނުގެ ގޯސްވާހަތަކެއް ދައްކައިގެން ގެއްލޭނެ މާގިނަ ވޯޓުތަކެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ފެންނަ ގޮތުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ދިވެހި ރައްޔިތުނަށް ކޮށްދޭން އުޅެނިީ ކޮންކަމެއްް ތޯ އޮޅުންފިލުވަން. މިހާރު އަޅުގަނޑުގެ ހުރި ގޯސްވާހަކަ ދައްކައިގެން އެހެންމީހަކަށް ވޯޓުތަކެއް ދޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ފެންނަންހުރި މަންޒަރަށާއި ތަފާސް ހިސާބުތަކަށް ބަލާއިރު ބުނަނީ އެއީ ބޭކާރު ކަމެކޭ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ޖަލްސާތަކުގައި ވާހަކަދައްކާއިރު ބައެއް ކަންކަމަށް ހަޖޫޖެހުން އޮންނާނެ ކަމަށާއި އެކަން ބައެއް މީހުން ބަލައިގަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ޑިމޮކުރަސީގެ އެފަދަ ކަންކަން ހިނގާނެކަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފްސީލަކަށް ވަޑައިއެއްނުގަންނަވަ އެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވީ ކަމަށް ގަބޫލުކޮށްގެން މަސައްކަތް ހުއްޓާލައިގެން ނުތިބޭނެ ކަމަށާއި ކެމްޕެއިންގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މި އިންތިހާބާއި ކުރިމަތިލައްވާއިރު ވެސް ވަޑައިނުގަންނަވާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ލަންކާއިން ރޭ ރާއްޖެ ވަޑައިގަތުމަށްފަހު ރޭ ހުޅުލެއިން ވަނީ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފަ އެވެ.