19 Aug 2013, 12:32
ހުޅުމާލޭ ކުރީގެ ކުނިގޮނޑު ހުންނަ ބިމުގައި ހުރި ފިތުރޯނު ހިކި ގަސްތަކެއްގައި ބަޔަކު ގަސްދުގައި "ރޯކޮށްލައިފި" އެވެ.
އެމްއެންޑީއެފުން ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 12 ޖަހާއެހާކަންހާއިރު، ހުޅުމާލޭގެ އިރުދެކުނު ކަންމަތިން އެއާޕޯޓަށްދާން އޮންނަ މަގުގައި ހުންނަ، ކުރީގެ ކުނި ކޮށީގައި ރޯކޮށްލާފައިވާ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާމަނުން ވެގެން ރޭ އެކެއް ޖަހާއެހާކަންހާއިރު ނިއްވާލައިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެޗްޑީސީގެ މުނިސިޕަލް ޑިޕާޓްމަންޓްގެ ހެޑް އަބްދުﷲ ފަޔާޒު މިއަދު ވިދާޅުވީ ހުޅުމާލޭ ކުނިގޮނޑާ ޖެހިގެން އޮންނަ އެ ބިމަކީ މިހާރު ހުހަށް އޮންނަ ބިމެއް ކަމަށާއި އެ ބިމުގައި ވާބޯވެފައި ވާތީ ގަސްތައް ކެނޑުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށެވެ.
"ވާ ބޯވެފައިވާތީ ގަސްތައް ކޮށަމުން މިގެންދަނީ. ރޯވެފައި ވަނީ އެތަނުގައި ހުރި ހޯލި ގަސްތަކެއްގައި،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.