އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ފުރާޅުގައި އަވިން ހަކަތަ އުފެއްދުމަށް ބޭނުންކުރާ ސޯލާ ޕެނަލް ހަރުކުރުމަށް އެގައުމުގެ ރައީސް ބަރަކް އޮބާމާ ވައުދުވެވަޑައިގެންފައި ވަނީ 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

އޮބާމާގެ ވައުދާ ގުޅިގެން ވައިޓްހައުސްގައި ހަރުކުރާ ސޯލާ ޕެނަލްތަކަކީ އެމެރިކާގެ ކެލިފޯނިއާގެ ސޯލާ ކުންފުންޏެއް ކަމަށްވާ ސަންގެވިޓީގެ ބާނީ ޑެނީ ކެނެޑީގެ މަސައްކަތެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުލީއާގޭގައި ސޯލާ ޕެނަލް ވެސް ހަރުކުރި ކުންފުންޏެވެ.

ޖައްވުގައި އެކުލޭވޭ ކާބަންޑައިއޮކްސައިޑްގެ މިންވަރު 350 ޕާޓްސް ޕާ މިލިއަން (ޕީޕީއެމް) އަށް ތިރިކުރުމަށް ގޮވާލާ މަސައްކަތްކުރަމުންދާ ބައިނަލްއަގުވާމީ ޖަމިއްޔާ 350 ޑޮޓް އޯގް (350.org) އާއި ކެނެޑީގެ ސަންގެވިޓީ ގުޅިގެން 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ރާއްޖޭގެ ރިޔާސީ ގަނޑުވަރު މުލިއާގޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްގެ ނިޒާމު މެދުވެރިކޮށް އަހަރަކު 15،000 ކިލޯ ވޮޓް ހަވާސްގެ ހަކަތަ އުފެއްދޭނެ އެވެ.

އެ އަހަރުގެ ސެޕްޓެމްބަރު މަހު ކެނެޑީ ފެށި އަނެއް މަސައްކަތަކީ ވައިޓް ހައުސްގައި ސޯލާ ޕެނަލް ހަރުކުރުމަށް ޕެޓިޝަނެއް ހެދުމުގެ މަސައްކަތެވެ. އެ ޕެޓިޝަންގައި އޭރު ބައި ލައްކަ އަށް ވުރެ ގިނަ މީހުން ސޮއިކުރި ނަމަވެސް އެންމެ ފުރަތަމަ ވައިޓް ހައުސްއިން ސޯލާ ޕެނަލް ހަރުކުރުމަށް ދެކޮޅު ހެދި އެވެ.

ނަމަވެސް އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އޮބާމާ ސަރުކާރުން ވަނީ 2011ގެ ނިޔަލަށް ވައިޓް ހައުސްގައި ސޯލާ ޕެނަލް ހަރުކުރަން ވައުދުވެފަ އެވެ.

ދެހާސް އެގާރައިގެ މުއްދަތު ފަހަނަ އަޅާ ދިޔައިރު ވެސް ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރެވިފައި ނުވި ނަމަވެސް، މިހަފުތާގެ ތެރޭގައި ވައިޓް ހައުސްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ވައިޓް ހައުސްގެ ސޯސްއަކުން މިކަން ކަށަވަރު ކޮށްދީފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެ އެވެ.

މިއީ ވައިޓް ހައުސްގައި ސޯލާ ޕެނަލް ހަރުކުރެވޭ ފުރަތަމަ ފަހަރެއް ނޫނެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓާގެ ވެރިކަމުގައި ކާޓާ ވަނީ ވައިޓް ހައުސްގެ ފުރާޅުގައި 32 ސޯލާ ޕެނަލް ހަރުކޮށްފަ އެވެ. ނަމަވެސް ކާޓާގެ ވެރިކަމުގެ ދައުރު ނިމުމަށް ފަހު، ވެރިކަމަށް އިންތިހާބުވެވަޑައިގެން ރައީސް ރޮނާލްޑް ރޭގަން އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ފުރާޅުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް ނެގުމުގެ މަސައްކަތެވެ.

ތްރީ ފިފްޓީ ޑޮޓް އޯގްގެ ބާނީ ބިލް މެކިބެން ވިދާޅުވީ ލަހުން ނަމަވެސް ވައިޓް ހައުސްއިން މިކަން ކުރުމަކީ ރަނގަޅު ސިގްނަލެއް ދޭ ކަމެއް ކަމަށެވެ.

"ދުވަހަކު ނުކުރުމަށް ވުރެ ލަހުން ކުރުން ރަނގަޅު. ހަގީގަތުގައި 1979ގައި ޖިމީ ކާޓާ ހަރުކުރި ސޯލާ ޕެނަލްތައް ނުނެގި ނަމަ ރަނގަޅުވީސް. ނަމަވެސް އަނެއްކާ ވެސް އެމެރިކާގެ އެންމެ މުހިއްމު އެޑްރެހުގައި ބޭނުންކުރާ ހަކަތައިގެ އެއް ބަޔަކީ އަވިން އުފައްދާ ހަކަތައަށް ވެގެންދިއުމަކީ ރަނގަޅު ކަމެއް،" މެކިބެން ވިދާޅުވި އެވެ.