19 Aug 2013, 11:41
އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރާ އެއްގޮތަށް މީހެއްގެ ޕެންޝަން ފައިސާ އެ ކޯޓުގެ އެކައުންޓަށް ޖަމާކޮށްފައި ނުވާތީ އެކަމަށް ޖަވާބުދާރީވާނެ ބޭފުޅަކު ކޯޓަށް ހާޒިރުވުމަށް ރަސްދޫ ކޯޓުން އަމުރުކޮށްފި އެވެ.
ރަސްދޫ ކޯޓުން އިއްޔެ ނެރުނު އަމުރުގައި ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ނޫންނަމަ އެކަމާ ގުޅިގެން ޝަރީއަތަށް ޖަވާބުދާރީ ވެވޭވަރުގެ ބޭފުޅަކު އަންނަ މަހުގެ 16 ވަނަ ދުވަހު އެ ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފަ އެވެ.
ރަސްދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެރަށު ސްކޫލްގެ ކުރީގެ ޓީޗަރެއް ކަމަށްވާ އަލްމަރުހޫމް މުހައްމަދު އިބްރާހީމްގެ ތަރިކައިގެ މައްސަލަ އެ ކޯޓަށް ހުށަހެޅިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހީމްގެ ނަމުގައި ޕެމްޝަން ފަންޑަށް ޖަމާކުރެވިފައިވާ ފައިސާ ރަސްދޫ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކުރި އަމުރަށް ޕެންޝަން އޮފީހުން އަމަލުކޮށްފައި ނުވާކަމަށް ރަސްދޫ ކޯޓުގެ އަމުރުގައި ވަނީ ބުނެފަ އެވެ.
އެ ފައިސާ ޖަމާކުރެވިފައިނުވާ ސަބަބު ސާފުކުރުމަށް މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ފޮނުވި ފެކްސް މެސެޖަށް މިއަދާ ހަމައަށް ޖަވާބުދީފައިނުވާ ކަމަށް ވެސް އެ އަމުރުގައި ވަނީ ބުނެފަ އެވެ.
"އއ. ރަސްދޫ ބްލޫމީޑް އަލްމަރުހޫމް މުހައްމަދު އިބްރާހީމްގެ ނަމުގައި ޕެންޝަން ފަންޑަށް ޖަމާކުރެވިފައިވާ ފައިސާ، މި ކޯޓުގެ ކޯޓު އަމުރުގައިވާގޮތަށް ޖަމާކުރައްވާފައި ނުވާތީ އާއި، އަދި މި ކޯޓުގެ މެސެޖަށް ވެސް ޖަވާބެއް ދެއްވާފައި ނުވާތީ، އެކަންކަމާއި ގުޅޭގޮތުންނާއި، މި ފައިސާ ޖަމާނުކުރެވިވާ ސަބާއި ގުޅިގެން ޝަރީއަތަށް ޖަވާބުދާރީވުމަށް ތިޔަ އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކު ނުވަތަ، ޝަރީއަތަށް ޖަވާބުދާރީވެވޭ ފެންވަރުގެ ބޭފުޅަކު 2013 ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ފޮނުވުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގައި އަމުރު ކުރަމެވެ،" ރަސްދޫ ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.