19 Aug 2013, 10:33
ޤާހިރާ (އޮގަސްޓް 19): މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫންޖަމާއަތުގެ މެންބަރުންތަކެއް ޤާހިރާގެ ޖަލަކުން ފިލަން އުޅެނިކޮށް ކަމަށް ބުނެ އޭގެ ތެރެއިން 36 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށް މިސްރުގެ މިޑްލްއީސްޓް ނޫސް އެޖެންސީން ފެތުރި ޚަބަރަކާ ފުށުއަރާ ގޮތަކަށް އެގައުމުގެ ދާޚިލީ ވުޒާރާ އިން ބަޔާނެއް ނެރެފި އެވެ.
މިސްރުގެ ދާޚިލީ ވުޒާރާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައްޔަރުކޮށްފައިވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މެންބަރުންތަކެއް ޤާހިރާގެ ޖަލަކުން ފިލަން އުޅެނިކޮށް ސަލާމަތީ ބާރުތަކާއި އެމީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އޭގެތެރެއިން ބައެއް މީހުންނަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާ އެމީހުންނަށް މިހާރު ފަރުވާދެމުން ގެންދާކަމުގަ އެވެ. މީހަކު މަރުވި ކަމަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް މިޙާދިސާގައި 36 މީހުން މަރުވިކަން އިޚްވާން ޖަމާއަތުން ކަށަވަރުކޮށްދީފައިވާ އިރު ދާޚިލީ ވުޒާރާގެ އެހެން ބަޔާނެއްގައި، މިޙާދިސާގައި 36 ގައިދީއަކު މަރުވެފައިވެދާނެ ކަމަށް ބުނެފައިވެ އެވެ.
އިޚްވާން ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފިލަންމަސައްކަތް ކޮށްފައިވާ ކަމަށްބުނެ މިސްރުގެ ސަލާމަތީ ބާރުތަކުން އެޖަމާއަތުގެ ގައިދީންތަކެއްގެ ގަޔަށް ބަޑިޖަހައި 36 ގައިދީއަކު މަރާލާފައިވާ ކަމުގަ އެވެ. މިއީ މުރުސީ މަޤާމުން ދުރުކުރި ޢަސްކަރީ އިންޤިލާބަށް ފަހު މިސްރުގެ ސަލާމަތީ ބާރުތަކުން ޝަރީޢަތަކާނުލައި ހައްޔަރުކޮށްފައިވާ އެޖަމާއަތުގެ ހާހަކަށް ވުރެ ގިނަމީހުންގެ ތެރެއިން ޤާހިރާގެ އަބޫޒަޢްބަލް ޖަލުގައި ހައްޔަރުކޮށްފައިވާ ބައެއް ކަމަށް ޚަބަރުލިބެ އެވެ. މުރުސީއަށް ތާއީދުކުރާ ފަރާތްތަކުގެ މުޒާހަރާތައް ރޫޅާލުމަށް މިސްރުގެ ސިފައިން ހިންގި ޤަތްލު އާންމުތަކުގައި 825 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު އަބޫޒަޢްބަލް ޖަލުން ފިލަންއުޅުނު ކަމަށްބުނެ 36ގައި ދީއަކު މަރާލުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާ މިކަން މުސްތަޤިއްލު ގޮތެއްގައި ތަޙްޤީޤް ކުރުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން މިސްރުގެ ވަގުތީ ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
މިސްރުގެ ވަގުތީ ސަރުކާރުން ވަނީ މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ހަތިޔާރު ގެންގުޅެ ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުން ގެންދާކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އިޚްވާން ޖަމާއަތުން ވަނީ މިއީ މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ މުޒާހަރާތައް ރޫޅާލުމަށް މިސްރުގެ ސިފައިން ހިންގި ޤަތްލު އާންމުތައް ދިފާޢުކޮށް އެޖަރީމާތަކުން ސަލާމަތް ވުމަށް މިސްރުގެ އިންޤުލާބީ ވެރިން ކުރާ ތުހުމަތުތަކެއް ކަމަށް ސިފަކޮށްފަ އެވެ.
މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ސަރުކާރުން ވަނީ ޙުސްނީ މުބާރަކުގެ ދުވަސްވަރުގައާ އަދި ޒަމާނުއްސުރެ މިސްރުގައި އޮތް ޕޮލިސް ސްޓޭޓްގެ ނިޒާމު އަލުން ޤާއިމްކޮށްފަ އެވެ. މީގެތެރޭގައި ޤާނޫނު އަސާސީ އަށް ޢަމަލުކުރުން ހުއްޓާލުމާއި ސުލްޙަވެރި އެއްވުންތައް ބަޑިޖަހައިގެން ރޫޅާލުމާއި ޝަރީޢަތާނުލައި މީހުން ޖަލުގައި ހައްޔަރު ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމާއި ކުއްލި ޙާލަތު އިޢްލާން ކުރުމާއި މިނިވަން މީޑިޔާއަށް ފުރްސަތު ނުދިނުމާއި ދައުލަތުގެ މީޑިޔާއިން ސަރުކާރުގެ ސިޔާސީ ޕްރޮޕަގެންޑާތައް ފެތުރުމާއި ސަރުކާރުގެ އިސްމަޤާމުތަކަށް ކުރީގެ ޢަސްކަރީ ޖެނެރަލުން ލެއްވުން ހިމެނެ އެވެ. (ނޫސްއެޖެންސީތައް)