19 Aug 2013, 10:23
ސްޕެނިސް ލީގުގައި ރޭ ލެވަންޓޭ އަތުން 7-0 ލަނޑުން މެޗް ކާމިޔާބު ކޮށް ބާސެލޯނާގެ ފެށުން ރަނގަޅުކޮށްފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ބާސާއިން ޖެހީ މެޗުގެ ތިން ވަނަ މިނެޓުގައި ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. ބާސާގެ ދެ ވަނަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލަޔޮނަލް މެސީ އެވެ. ބާސާގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިއަލް އަލްވެޒް އެވެ. މެޗުގެ ހަތަރު ވަނަ ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ.
ރޭގެ މެޗުގައި ލެވަންޓޭ ކޮޅަށް ބާސާއިން ޖެހި ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެސީ އެވެ. އޭނާ އެލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ރޭގެ މެޗުގައި ބާސާގެ ހަ ވަނަ ލަނޑު އެޓިމަށް ކާމިޔާބު ކޮށްދިނީ ޒަވީ ހަނާންޑޭޒް އެވެ. އަދި ބާސާގެ ފަހު ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޑްރޯ އެވެ.
ރޭގެ މެޗަށް ފަހު ބާސެލޯނާގެ އާކޯޗު ޖެރާޑޯ މާޓިނޯ ބުނީ، މޮޅަކާއެކު ލީގުގެ ފެށުން ރަނގަޅު ވުމުން އުފާވާ ކަމަށާއި މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާ މެދުވެސް ހިތް ހަމަޖެހޭ ކަމަށެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި ހުނަރުވެރި ފޯވާޑް މެސީގެ ބަދަލުގައި ނޭމާ ކުޅެން އެރުވީ މެސީ އަށް ރެސްޓު ދިނުމުގެ ގޮތުން ކަމަށެވެ.
"އަހރެން މިހިރީ ވަރަށް އުފަލުން. ފުރަތަމަ މެޗުގެ ފެށުން ރަނގަޅު ވެއްޖެ. ކުރިއަށް ހުރި މެޗްތައް ކާމިޔާބު ކުރަން ވެސް މަސައްކަތް ކުރާނަން." ކޯޗް ޖެރާޑޯ މާޓިނޯ ބުންޏެވެ.