ސައޫދީ ރަސްގެފާނު އަބްދުﷲ ބިންޢަބްދުލްޢަޒީޒަށް ބޮޑުބޭބެ ވިދާޅުވާ މަޝްހޫރު މަހުޖަނު ވަލީދު ބިން ތަލާލުގެ ޓީވީ ޗެނެލްއެއް ކަމަށްވާ "އައްރިސާލާ" ޗެނެލްގައި މަސައްކަތްކުރައްވާ އިސްލާމީ ދަންނަބޭކަލެއް ކަމަށްވާ އައްޝައިޚް ތާރިޤް އައްސުވައިދާން އެ ޗެނެލްގެ ވަޒީފާ އިން ވަކިކުރުމަށް ވަލީދު ބިން ތަލާލު އަމުރު ކުރައްވައިފި އެވެ.

ވަލީދުބިން ތަލާލްއާ ޙަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި އޭނާ ހިންގަވާ ދީނީ ޗެނެލްއެއް ކަމަށްވާ "އައްރިސާލާ" އިން އައްޝައިޚް ތާރިޤް އައްސުވައިދާން ވަކިކުރުމަށް ނިންމެވީ އައްސުވައިދާން، ޔަމަންގައި ދެއްވި ދީނީ ދަރުސެއްގައި އޭނާއަކީ މިސްރުގެ އިސްލާމީ ފިކުރުގެ އެންމެބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލް މުސްލިމީން ޖަމާއަތާ ގުޅުންއޮންނަ ބޭފުޅެއް ކަމަށް އަމިއްލައަށް އިޢުތިރާފްވެ ވަޑައިގަތުމުންނެވެ. "އައްރިސާލާ" ޗެނެލްގައި ދީނީ ދަރުސްތައް ދެއްވުމުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ ކުވައިތުގެ ރައްޔިތެއް ކަމަށްވާ ޝައިޚް ތާރިޤް އައްސުވައިދާންއަކީ އިސްލާމް ދީނަށް ގޮވާލުމުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އިސްލާމީ ދުއާތުންގެ ތެރެއިން ނަންމަޝްހޫރު ދާޢިޔާ (ޕްރީޗާ) އެކެވެ.

ތާރިޤް އައްސުވައިދާން ވަޒީފާއިން ވަކިކުރިކަން އެންގުމުގެ ގޮތުންއޭނާ އަށް ފޮނުއްވި ސިޓީގައި ވަލީދުބިން ތަލާލު ވިދާޅުވެފައި ވަނީ އިޚްވާނުލް މުސްލިމޫން ޖަމާއަތުގެ ފިކުރަކީ "މަގުގެއްލިފައިވާ ފިކުރެއް" ކަމަށާ އެފިކުރަށް ނިސްބަތްވާ ދީނީ ޢިލްމުވެރިއަކަށް "ރިސާލާ" ޗެނެލްގައި ޖާގަނެތް ކަމުގަ އެވެ.

މިސްރުގެ އިސްލާމީ ފިކުރުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ މެންބަރުންނާ ދެކޮޅަށް މިދިޔަ ބުދަ ދުވަހުން ފެށިގެން މިސްރުގެ ސިފައިން ހިންގަމުން ގެންދާ ހަރުކަށި ޢަމަލުތަކާއި ޤަތްލުއާންމުތަކަށް ތާއީދުކުރައްވައި ސައޫދީ ރަސްގެފާނު އަބްދުﷲ ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. މިބަޔާނުގައި، މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަށް ތާއީދުކޮށް އޭނާ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި އިޚްވާން ޖަމާއަތުގެ މެންބަރުންނާއި އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާތަކާއި އިހްތިޖާޖްތަކަކީ ޓެރަރިޒަމްގެ ޢަމަލުތައް ކަމަށް ސަޢޫދީ ރަސްގެފާނު އަބްދުﷲ ސިފަކުރައްވާފައިވެ އެވެ. އަދި މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ބަރުހަތިޔާރު ބޭނުންކޮށް ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި 600 އަށް ވުރެ ގިނަ މީހުން މަރާލައި އެތަށް ހާސްބަޔަކު ޒަޚަމްކޮށްލި ޤަތްލުއާންމު ހިންގި މިސްރުގެ ސިފައިންނާއި އިންޤިލާބީ ސަރުކާރަށް ތާއީދުކުރައްވާކަން ވެސް ސައޫދީ ރަސްގެފާނު ވަނީ ހާމަކުރައްވާފަ އެވެ.

ޑރ. މުރުސީ ވެރިކަމުގައި ހުންނެވި ދުވަސްވަރު މިސްރަށް މާލީ އެހީދިނުމުން އެއްކިބާވެގެންފައިވާ ސައޫދީ ސަރުކާރުން ވަނީ މުރުސީގެ ވެރިކަން ވައްޓާލުމަށް މިސްރުގެ ސިފައިން މިދިޔަ ޖުލައި މަހުގެ 3ގައި ގެނައި ޢަސްކަރީ އިންޤިލާބަށް ތާއީދުކޮށް އިންޤިލާބަށް ފަހު މިސްރުގައި އުފައްދާފައިވާ އިންޤިލާބީ ސަރުކާރަށް ސައޫދީ ސަރުކާރުން ވަނީ އަވަސްއެހީގެ ގޮތުގައި ފަސް ބިލިޔަން އެމެރިކާ ޑޮލަރު ދީފަ އެވެ.

މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުރުސީ އާ ދެކޮޅަށް މިސްރުގެ ސިފައިން ގެނައި ޢަސްކަރީ އިންޤިލާބަށް ސައޫދީ އަރަބިޔާގެ އިތުރުން ތާއީދުކޮށްފައި ވަނީ ވިރާސީ ރަސްކަމުގެ ނިޒާމުތައް އޮންނަ ޢަރަބި ގައުމުތައް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް، ބަޙްރައިން، ކުވައިތު އަދި އުރުދުން އިންނެވެ. މިގައުމުތަކުގެ ސަރުކާރުތަކުން ވެސް ވަނީ މިސްރުގެ ސިފައިން، ޑރ. މުރުސީގެ ސަޕޯޓަރުންނާ ދެކޮޅަށް ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި ހިންގި ބިރުވެރި ޤަތްލު ޢާންމުތަކަށް ނުސީދާ ގޮތެއްގައި ތާއީދުކޮށްފަ އެވެ.

ސައޫދީ ޝާހީ މަހުޖަނު ވަލީދު ބިން ތަލާލުގެ "އައްރިސާލާ" ޓީވީ ޗެނެލް އިން ވަކިކުރި ކުވައިތުގެ އިސްލާމީ ދާޢިޔާ އައްޝައިޚް ތާރިޤް އައްސުވައިދާން ވިދާޅުވެފައި ވަނީ "އޭނާ އަށް ރިޒުޤު ދެއްވަނީ މާތް ﷲ ކަމަށާ އީމާންކަން ބަލިމީހަކު މެނުވީ ރިޒްޤަށް ބިރުނުގަންނާނެ ކަމުގަ އެވެ. އަދި އޭނާގެ އިސްލާމީ ފިކުރުގެ ސަބަބުން ވަޒީފާއިން ވަކިކުރުމަކީ ދެރަވާ ކަމެއްނޫން ކަމަށާ ދުނިޔެއަށް ގޮސް ހުސްވެފައިވާ މީހެއްނޫނީ ވަޒީފާއަށް ޓަކައި އިސްލާމީ އުސޫލުތަކާއި މަބާދިއުތައް ދޫކޮށްނުލާނެ ކަމުގަ އެވެ. (އަލްޖަޒީރާ)