19 Aug 2013, 10:17
ހޯސޭ މޮރީނިއޯ ޗެލްސީގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވި ފަހުން އެޓީމު ކުޅުނު ފުރަތަމަ ލީގު މެޗު 2-0 އިން ހަލް ސިޓީ ޓައިގާސް ބަލިކޮށް ރަނގަޅު ފެށުމެއް ގާއިމްކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ އޮސްކާއާއި އެޑިން ހަޒާޑް އަދި އަލަށްގެނައި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރުއާއިން ފަދަ ކުޅުންތެރިން ހުއްޓުވުމަށް ބުރަ މަސައްކަތްތެކެއް ކުރަމުން ދިޔަ ހަލް ކޮޅަށް، މެޗުގެ ފުރަތަމަ ލަނޑު ވައްދައިލީ ފުރަތަމަ ހާފްގެ 13 ވަނަ މިނިޓްގައި އޮސްކާއެވެ. އަދި ދެވަނަ ލަނޑު 25 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފްރޭންކް ލަމްޕާޑް އެވެ.
ރޭގެ މެޗުގެ ހަ ވަނަ މިނިޓުގައި ލަމްޕާޑަށް، ޗެލްސީއަށް ލީޑު ނަގައިދޭނޭ ރަނުގެ ފުރުސަތެއް ލިބުނެވެ. ހަލްގެ ގޯލްކީޕަރު އެލަން މެކްގްރެގާ ޗެލްސީގެ ފޯވަޑް ފެނާންޑޯ ޓޮރޭޒްއަށް ފައުލް ކުރުމާ ގުޅިގެން ޗެލްސީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ލަމްޕާޑް ޖެހި ޕެނަލްޓީ ހަލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ސްޓެމްފޮޑް ބްރިޖްގެ ޓަނެލް ތެރެއިން ޓީމާއެކު މޮރީނިއޯ ދަނޑަށް ނުކުތުމުން ޗެލްސީގެ ސަޕޯޓަރުން، މޮރީނިއޯއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
"ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ހީވެސް ނުކުރާފަދަ ބޮޑު ތަރުހީބެއް. މިހާރު އަހަންނަށް އަދި މާބޮޑަށް އިހްސާސް ކުރެވޭ އެނބުރި ޗެލްސީއާ ގުޅުން އެއީ މާ ބޮޑަށްވެސް ރަނގަޅު ނިންމުމެއްކަން،" ސަޕޯޓަރުންނަށް ތައުރީފް ކުރަމުން މޮރީނިއޯ ބުންޏެވެ.
މެޗާ ބެހޭގޮތުން ޗެލްސީގެ ކޯޗް ބުނީ، ފުރަތަމަ ހާފްގައި ވަރަށް ރީތި މޮޅު ކުޅުމެއް ޗެލްސީގެ ފަރާތުން ފެނިގެން ދިޔަ ކަމަށާއި، އަދި ޖުމުލަކޮށް ބުނާނަމަ "މި ފެށުމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށެވެ.
ހަލްގެ ކޯޗު ސްޓީވް ބްރޫސް ބުނީ، ޗެލްސީފަދަ ޓީމަކާއެކު ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކުމަކީ ދުނިޔޭގެ އެއްވެސް ކްލަބަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، އެހެން ނަމަވެސް ދެވަނަ ހާފްގައި އޭނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.