19 Aug 2013, 10:06
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީއަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ވާހަކަ ދެއްކެވުމުގެ ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަފްރާޝީމަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިގެންނަވާ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދީނީ އިލްމުވެރިއެކެވެ. ނަމަވެސް ގިނަ ބަޔަކު އެމަނިކުފާނު ބަލައިގެންފައި ވަނީ މެދުމިނުމުގެ އިސްލާމްދީން ނޫނީ މޮޑަރޭޓް އިސްލާމްދީނަށް ގޮވާލައްވައި ދައްކަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް ބައެއްގެ އަނިޔާވެރި ރޭވުމެއްގެ ދަށުން އަފްރާޝީމް އަވަހާރަކޮށްލުމުގެ ބޭނުމަކީ ކޮބައިކަން އަދިވެސް ވަނީ ފަރުދާވެފަ އެވެ.
ޓީވީގައި ހުށަހަޅުއްވައި ދެއްވި ދީނީ ޕްރޮގްރާމަކަށް ފަހު ޑރ. އަފްރާޝީމް އޭނާ ދިރިއުޅުއްވާ ހ. ފުންވިލަށް 01އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވަޑައިގަތުމުން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ އަޑީގައި ތިބީ ސިޔާސީ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެކަން ކޮށްފައި ވަނީ 4،000،000ރ. ރުފިޔާ ބަޔަކަށް ހުށަހަޅައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ އަދި ހަމައެކަނި ކުރެވޭ ތުހުމަތެކެވެ. އެފަދަ ނުބައި ރޭވުމެއް ރޭވި ބަޔަކާ ހަމައަށް ވާސިލުވުމުގެ އެއްވެސް އަލި މަގެއް އެ މައްސަލާގައި ތަހުގީގަށް ފަހު މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގިފައެއް ނުވެ އެވެ.
ޑރ. އަފްރާސީމްގެ މަރުގެ މައްސަލައަކީ އެމެރިކާގެ އެފްބީއައިގެ އެހީ ވެސް ހޯދައިގެން ފުލުހުން މިހާތަނަށް ހިންގި އެންމެ ބޮޑު ތަހުގީގުގެވެ. އެ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިމިފައިވާ އިރު އަފްރާޝީމަށް ހަމަލާދީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އެ ދެ މީހުންނަކީ ހ. ލޮބީ ހުސައިން ހުމާމު އާއި ހ. ހިކޯސްޓް އަލީ ޝާން އެވެ. ނަމަވެސް އެ ދެ މީހުންގެ ތެރެއިން ދައުވާ ލިބޭ ހުމާމް ވަނީ އަފްރާޝީމަށް ހަމަލާދިން ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ. ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް އޭނާ ދީފައިވާ އިއުތިރާފު ބަޔާނަކީ ސައްޚަ އެއްޗެއް ކަމަށް ވެސް ހުމާމް ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ފަހުން އޭނާ ބުނެފައި ވަނީ އެ ބަޔާންދީފަައި ވަނީ ފުލުހުން އިއުތިރާފުވާށޭ ބުނުމުން ކަމަށް ބުނެ އެ ބަޔާނަށް އިންކާރުކޮށްފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ހުމާމުގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ތަހުގީގަށް އެއްކުރެވިފައިވާ ކަމަށާއި އެ މައްސަލަ ކޯޓުގައި ސާބިތުކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށެވެ. އެގޮތުން އެ މައްސަލަ ސާބިތުކުރުމަށް ބޭނުންވާ ޑީއެންއޭ އެވިޑެންސް އާއި ވީޑިއޯ އެވިޑެންސްގެ އިތުރުން އޭނާއާ ދެކޮޅަށް އެކަކަށް ވުރެ ގިނަ ހެކިންގެ ހެކިބަސް ލިބިފައިވާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
އަފްރާޝީމަށް ހަމަލާދިން ގޮތާ ބެހޭ ގޮތުން ހުމާމް ދިން ބަޔާނަށް ޝަރީއަތުގައި އޭނާ ވަނީ އިއުތިރާފްވެފަ އެވެ. ހުމާމުގެ އިއުތިރާފު ބަޔާނުން އެނގުނުގޮތުގައި އޭނާ އެކަން ކޮށްފައި ވަނީ ފައިސާގެ ބޮޑު އަދަދެއް ދޭނެކަމަށް ބުނެ ބަޔަކު ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށެވެ. ނަމަވެސް އެއިން އެއްވެސް ފައިސާއެއް އޭނާ އަށް ލިބިފައިނުވާކަން އޭނާ ތަހުގީގަށް ދިން ބަޔާނުންނާއި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާފުކޮށް އެނގެން އެބައޮތެވެ. ހުމާމު ހައްޔަރުކުރި ދުވަހުގެ ރޭ އޭނާގެ ފޯނުން "ކޮބާހޭ ލާރި ކޮޅު" އެފަދަ އިބާރާތަކުން ކޮންމެ ވެސް މީހަކަށް މެސެޖެއް ލިޔެ ފޮނުވާފައިވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ފުލުހުންގެ އިތުރުން ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތުކޮށްފައިވާ އިރު އެކަމުގެ އަޑީގައި ވަނީ ދީނީ ހަރުކަށި ހިޔާލުގެ މީހުން ކަމަށް ބުނެ ވެސް ވާހަކަތަކެއް ދެކެވުނެވެ.
އެގޮތުން އެމަނިކުފާނަކީ ދިވެހި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅެކެވެ. ނަމަވެސް އިސްލާމްދީނުގެ "މޮޑަރޭޓް" ވިސްނުން ކުރިއަށް ނެރުއްވުމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނަށް ދިން ހަމަލާއަކީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖޭގައި ހަރުކަށި އަދި ހައްދުފަހަނައަޅާފައި މީހުން ތިބިކަން ދެއްކުމުގެ ގޮތުން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ވެސް ބައެއް ސިޔާސީ ބޭފުޅުުން ތުހުމަތުކުރައްވަ އެވެ. އަނެއް ކޮޅުން ޑރ. އަފްރާސީމް ގެންގުޅުއްވި ދީނީ މެދު މިނުގެ ހިޔާލުތަކަށް ތާއީދު ނުކުރާ ގިނަ ބަޔަކު އެމަނިކުފާނުގެ ވާހަކަފުޅުތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނަމަވެސް ގެންދިޔައީ ދެކޮޅު ހަދަމުންނެވެ.
މީގެއިތުރުން އެކިއެކި ފަހަރުމަތިން އެމަނިކުފާނަށް މަގުމަތިންނާއި ފޯނުގެ ޖަރިއްޔާ އިން ބަޔަކު މީހުން އިންޒާރުތައް ދެމުން ގެންދިޔަކަން އަފްރާޝީމްގެ އާއިލާއާ ހުއްދު އެމަނިކުފާނު ހިއްސާކުރައްވާފައިވާކަމީ ވެސް އެކަމުގެ އަޑީގައި ކުރިއްސުރެ ބަޔަކު ތިބި ކަން ދޭހަކޮށްދޭ ކަމެކެވެ. އެހެން ކަމުގައިވާ ނަމަ ގާތިލުންގެ ލިސްޓަށް އަންނަން ޖެހޭ އިތުރު ފަރާތްތަކެއް ހޯދައި އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބީ ދީނީގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ބައެއް ކަމަށް ބަޔަކު ފަތުރަމުންގެންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ހުމާމުގެ ޝަރީއަތް ކުރިޔަށްދާވަރަކުން އެކަން ހާމަވެގެންދާނެ ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެ ފަނޑިޔާރު ކުރިމަތީގައި ދީފައިވާ ބަޔާނަށް ހުމާމް އިންކާރު ކުރާ އިރު އެ ބަޔާނުގައި އެކަމަށް ފަންޑު ކުރި މީހުންނާއި އެކަން ރޭވީ ކޮންބައެއްކަމާއި ކަންހިނގައި ދިޔަ ގޮތް ތަފްސީލުކޮށް އެނގެން އެބައޮތެވެ. ހުމާމް އެ ބަޔާނަށް އިންކާރު ކުރާއިރު ދައުލަތުން ހުށަހެޅި ހެކީން ވެސް އެ ބަޔާނުގައި ހުމާމް ކިޔައިދީފައިވާ ބައެެއް ކަންތައްތައް ޝަރީއަތުގެ މަޖިލީހުގައި ވަނީ ކިޔައިދީފަ އެވެ. އެހެންކަމުން އޭނާ ދީފަައިވާ އިއުތިރާފު ބަޔާނާއި ހެކީންގެ ހެކިބަހާއި ވަނީ ގުޅިލާމެހިފަ އެވެ.
ހުމާމާ ދެކޮޅަށް ދައުލަތުން އެއްކޮށްފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށް ޝާބިތުވެދާނެ އެވެ. ނަމަވެސް އެފަދަ ބޮޑު ޖަރީމާއެއް ރާވާ ހިންގުމުގެ އަޑީގައި ތިބީ ކޮން ބައެއްކަމާއި އެކަމަށް ފައިސާ ހަރުދުކުރާނެ ކަމަށް ބުނީ ކޮން ބައެއްކަން ހޯދިފައެއް ނުވެ އެވެ. އަދި އަފްރާޝީމަށް ހަމަލާދީ އަވަހަރަކޮށްލަން ބޭނުންވީ ކޮން ސަބަބަކާ ހުރެތޯ ވެސް އަދި ހޯދިފައެއް އެވެ. އެކަން ކުރި ބަޔަކަށް އަދަބު ދެވޭ އިރު އެކަމުގެ އަޑީގައި ތިބީ ކޮން ބައެއްތޯ ބެލިގެން ނޫނީ އިންސާފު ގާއިމްވި ކަމަށް ގިނަ ބަޔަކު ބަލައެއް ނުގެންނާނެ އެވެ.