19 Aug 2013, 09:45
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހެނދުނު ފުވައްމުލަކަށް ފުރާވަޑައިގެންފި އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވާފައިވާ ރައީސް ޑރ. ވަހީދު ފުވަމުލަކަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ އެ ދަތުރުފުޅަކީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ބައެއް ކަންކަން ވެސް އެ ދަތުރުފުޅުގައި ހިމެނޭނެ ކަމަށެވެ.
މި ސަރުކާރުގެ ދާހިލީ ވަޒީރުކަން ކުރައްވަފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އަދި ރައީސް ޑރ. ވަހީދުގެ ހާއްސަ މުޝީރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދުގެ ގާބިލްކަމާ ބެހޭ ގޮތުން ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވެސް ވަރަށް ތައުލީމީ ބޭފުޅުން ކަމަަށާއި ނަމަވެސް އެހެން ބޭފުޅުނަށް ފާޑުވިދާޅުވާ އިރު އެ ބޭފުޅުންނަށް މަސައްކަތްކުރެވިފައިވާ މިންވަރާ މެދު ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
"އެ ދެ ބޭފުޅުންނަކީ ވެސް އިސް ބޭފުޅުން. އެ ބޭފުޅުންނަކީ އާ ބޭފުޅުންނެއްނޫން. ރައީސް މައުމޫނުގެ އިރުގައި ވެސް ސަރުކާރުގައި އުޅުއްވި ބޭފުޅުން. އެހެންވީމާ އެ ބޭފުޅުންގެ މަސައްކަތުގެ ރެކޯޑް އެއީ ވަރަށް އާންމުކޮށް އެނގެން އޮތް އެއްޗެއް. އެކަމަކާ ބެހޭ ގޮތުނެއް އަޅުގަނޑު ކޮންމެހެން އެއްޗެއް ދަންނަވާކަށް ނެތީމު. އެހެން ނަމަވެސް އަޅުގަނޑަށް ހީވަނީ ކޮންމެ ބޭފުޅަކު ވެސް ޖެހިވަޑައިގަންނަވާނެހެން އެ ބޭފުޅެއްގެ ޝޯޓްކަމިންސްއާ މެދު ވެސް ވިސްނާވަޑައިގަންނަވަން، އެހެން ބޭފުޅުންނާ މެދު ފަޑުވިދާވާއިރު. އަޅުގަނޑަށް ހީވޭ ކުރިއަށް އޮތްތާގައި ވާހަކަފުޅު ދައްކަވާ އިރު އެ ބޭފުޅުންގެ ޕާފޯމެންސްއާ ދޭތެރޭގައި ވެސް މިހާރަށް ވުރެ ބޮޑަށް ވިސްނާވަަޑައިގަންނަވާނެ ކަމަށް،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.