19 Aug 2013, 09:29
ކްލަބް ރެކޯޑް ފީއަކަށް މިސީޒަނަށް ޓޮޓެންހަމް އަށް ގެނައި ސްޕެއިން ފޯވަޑް ރޮބާޓޯ ސޮލްޑާޑޯ ޖަހައިދިން ލަނޑުން 1-0 އިން ކްރިސްޓަލް ޕެލަސް އަތުން ޓޮޓެންހަމް މޮޅުވެއްޖެ އެވެ.
ސްޕެއިންގެ ވެލެންސިޔާއިން 26 މިލިޔަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ގެނައި، ފޯވަޑް ޓޮޓެންހަމްއަށް ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 28 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
ބޮޑު މުބާރާތެއްގައި 2005ގެ ފަހުން ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ލިބުނު ކްރިސްޓަލް ޕެލަސްއިން ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އެޓީމަށް މެޗުގެ ނަތީޖާ ބަދަލުކޮށްލަން ރަނުގު ފުރުސަތެއް ލިބުނު ނަމަވެސް، މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޕެލަސްގެ ކަގިޝޯ ޑިކްގާކޮއި ފޮނުވާލި ބާރު ހަމަލާ ޓޮޓެންހަމްގެ ކީޕަރު ދިފާއު ކުރީ އެވެ.
މިސީޒަންގައި ރެއާލް މެޑްރިޑުން ހޯދަން މަސައްކަތްކުރާ ޓޮޓެންހަމްގެ ވޭލްސް ފޯވަޑް ގަރެތު ބޭލް ނެތި ޓޮޓެންހަމް ކުޅެފައިވާ އިރު މިއީ ޖެނުއަރީ 2013ގެ ފަހުން ބޭލް ލަނޑު ލިސްޓަށް ނާރައި އެޓީމު މެޗެއް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
ރޭގެ މެޗުގައި ސޮލްޑާޑޯގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް ޓޮޓެންހަމްގެ ކޯޗު އަންދްރޭ ވިއަސް ބޮއަސް ބުނީ، ކުރިއަށް އޮތް ތަނުގައި ސޮލްޑާޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދާނެ ކަމަށާއި އަދި އޭނާ އެއްކޮށް ފިޓް ނުވަނީ ކަމަށެވެ.
"ރޮބާޓޯ އެއީ ވަރަށް މޮޅު ފޯވަޑެއް. ކޮންފެޑެރޭޝަންސް ކަޕްގެ ސަބަބުން އޭނާއަށް މި ކްލަބާއެކު ފަރިތަކުރަން އެހާ ފުރުސަތެއް ނުލިބޭ. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ރަނގަޅަށް ފިޓްވެ މިހާރަށްވުރެ މާ ރަނގަޅު މޮޅު ކުޅުމެއް ފެނިގެން ދާނެ،" ޓޮޓެންހަމް ކޯޗު ބުންޏެވެ.