19 Aug 2013, 09:18
ނައިބް ރައީސްއަކަށް އިންތިހާބު ކުރާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވީމާ ނުވަތަ ރައީސް ޖުމްހޫރިއްޔާ އަވަހާރަވީމާ "ސްޕެއާ ޕާޓްސް"އެއްގެ ގޮތުގައި ބަހައްޓާ މީހަކަށް ވެގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމް "ސިޔާސަތު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ނައިބު ރައީސްއެއްގެ ގޮތުގައި ހުންނަވާ ބޭފުޅަށް ވެސް މަސްއޫލިއްޔަތުތަކަކާއި މަސައްކަތްތަކެއް ހަވާލުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިސްލާހު އެބަގެންނަން ޖެހޭ. ނައިބް ރައީސް އަކަށް އެ މަގާމުގައި ބަހައްޓާ މީހަކީ ހަމައެކަނި ރައީސް ޖުމްހޫރިއްޔާ އިސްތިއުފާދެއްވީމާ ނުވަތަ އަވަހާރަވީމާ މަގާމާ ހަވާލުވުމަށް ހުންނަ ސުޕެއާޕާޓްގެ ގޮތުގައި ބަހައްޓާ މީހަކަށް ވެގެން ނުވާނެ. ނައިބު ރައީސްއެއްގެ މަގާމަށް މީހުން ލަނީ ވެސް ރައްޔިތުން ވަރަށް ވިސްނާފަ، ދެ މީހަކަށް މި ވޯޓް ދެނީ އެއީ ރައީސްއަށާއި ނައިބު ރައީސަށް އެއް ޓިކެޓެއްގައި އެހެން ކަމުން ރައްޔިތުން އެބަ ގަބޫލް ކުރޭ ނައިބު ރައީސް އަށް ހޮވޭ ބޭފުޅާކީ ވެސް ކޮންމެ ވެސް ވަރެއްގެ ގާބިލްކަން ހުރި ބޭފުޅެއްކަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ ނައިބު ރައީސް އަކަށް މަގާމްތައް ހަވާލުކުރެވެން ޖެހޭ ކަމަށާއި އެމެރިކާ ފަދަ ގައުމުތަކުގައި ވެސް އޮންނަނީ އެގޮތް ކަމަށް ވުމުން ރާއްޖޭގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ނައިބު ރައީސް އަކަށް ވާދަކުރެއްވި އިރު އެމްޑީޕީއާ އެކު އެއްބަސްވުންތަކެއް ހެދުނު ކަމަށާއި އެގޮތުން ހާރިޖީ ކަންކަން އެމަނިކުފާނާ ހަވާލުކުރުމަށް އެއްބަސްވި ކަަމަށެވެ. ނަމަވެސް އެގޮތަށް ނަޝީދު އަމަލުކޮށްފައިނުވާ ކަމަށާއި ސަބަބަކީ "ރައީސް ނަޝީދު އަޅުގަނޑާ ދޭތެރޭ ގެންގުޅުއްވީ ތިމާގެ ޕާޓީ މީހެއް ނޫނިއްޔާ ނުލަފާކަން ދައްކަވާ އުސޫލް" ކަމަށެވެ. އަދި އޭރުގެ ވެރިކަމުގައި ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވި އިރު އިސްތިއުފާ ނުދެއްވީ އެމަނިކުފާނަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ފަރާތަކަށް ވުމުން ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ދުވަހުގެ ކަންތައް ހިނގައި ދިޔަ ގޮތާ ގުޅޭ ގޮތުން ރައީސް ވަހީދު ވިދާޅުވީ އިސްތިއުފާދެއްވުމުގެ ކުރިން ރައީސް ނަޝީދު ގުޅުއްވާފައި ނުވާ ކަމަށާއި އަދި އެއްވެސް މަޝްވަރާއެއް ކުރައްވާފައި ވެސް ނުވާ ކަމަށެވެ.
"ރައީސް ނަޝީދު އަޅުގަނޑަކަށް ނުގުޅުއްވާ، އެބޭފުޅާ އަޅުގަނޑާއި ވާހަކަ ދައްކަން ބޭނުންފުޅު ނަމަ އަޅުގަނޑުމެން ބަލަހައްޓަމުން ގެންދަނީ އެސްޕީޖީ އިން އެއްބައެއް އަޅުގަނޑުމެން ބަލަހައްޓަމުން ގެންދަނީ، އެމީހުން މެދުވެރިކޮށް ވެސް އަޅުގަނޑަށް ފޯނު ދެވޭނެ އެހެން ނޫންތޯ، އެހެންވީމަ އެއީކީ ރަނގަޅު ގޮތެށް ނޫން،" ޑރ. ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާދެއްވީ މަޝްވަރާއެއްކުރުމެއް ނެތި ކަމަށް ވާތީ އެމަނިކުފާނު ހުވާކުރެއްވި އިރު ވެސް ނަޝީދުގެ ކިބައިން ލަފާ ނުހޯދައްވާ ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ބޭއްވި ވަޒީރުންގެ މަޖިލީހުންގެ ބައްދަލުވުން ބޭއްވި އިރު ވެސް ދައުވަތު ނުދެއްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ނައިބު ރައީސްއެއްގެ މަގާމުގައި ހުންނެވި އިރު އިދިކޮޅު ފަރާތްތަކުން ބައްދަލުކުރެއްވުމަށް އެދުމުން ރައީސް ނަޝީދަށް އެސްއެމްއެސް އަކުން އެކަން އެންގި ކަމަށެވެ. ނަމަވެސް ނަޝީދު އެކަމަށް ޖަވާބު ނުދެއްވާ ކަމަށާއި އޭރުގެ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރެއްވީ ހުރިހާ ބޭފުޅުނާ ވެސް ބައްދަލުކުރައްވާ އުސޫލުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތައް ނަޝީދުގެ އަރިހުގައި ދެއްނެވި ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.