ސަން ފްރަންޓުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ "މިރަކަލް ސޭލް"ގެ މިދިޔަ ރޯދަ މަހުގެ ނަސީބުވެރިން މިރޭ ހޮވައިފި އެވެ.

ނަލަހިޔާ ހޮޓާ ކައިރި މަޖީދީމަގުގައި ހުންނަ ސަން ފްރަންޓް ލިވިންގްގައި މިރޭ ނެގި ގުރުން އެއް ވަނަ އަށް ހޮވިގެން 60،000 ރުފިޔާގެ އިނާމު ހާސިލު ކުރީ، ސިސިލްފަރުގެ އައިޝަތު ނަޝީދާ އެވެ. އެއް ވަނަ އިނާމުގެ ގޮތުގައި އޭނާ އަށް ލިބުނީ "ހިޓާޗީ" އައިސްއަލަމާރިއަކާއި ފްރަންޓްލޯޑް ދޮންނަ މެޝިނަކާއި އެއާކަންޑިޝަން ޔުނިޓެކެވެ.

ތިރީސް ހާސް ރުފިޔާގެ، ދެ ވަނަ އިނާމު ލިބުނީ މ. ޖަވާހިރުގެ އާތިފާ އަބްދުލްބާރީއަށެވެ. ދެ ވަނަ އިނާމުގެ ތެރޭގައި ހިމެނެނީ ފިލިޕްސް ގްރިލާ އަކާއި ސްޓީމާއަކާއި ޖޫސް އެކްސްޓްރެކްޓާ އަކާއި ކޮފީ މެޝިނަކާއި ރައިސް ކްކާއެއް ފަދަ އެއްޗިއްސެވެ.

ތިން ވަނަ އަށް، 20،000 ރުފިޔާގެ އިނާމް ލިބުނީ ހުސެން ސުޖާއު ކިޔާ މީހަކަށެވެ. އޭނާ އަށް އެ އިނާމުގެ ގޮތުގައި ފިލިޕްސް ހޯމް ތިޔޭޓާ ސިސްޓަމަކާއި ހެޑް ފޯނަކާއި ސްޕީކާ ސިސްޓަމަކާއި އެމްޕީ ތުރީ ޕްލޭޔާއެއް ލިބުނެވެ.

އެ އިނާމުތަކުގެ އިތުރަށް ފަސް ބޭފުޅަކަށް ބޯނަސް އިނާމުގެ ގޮތުގައި އެސްޓީއޯގެ ފަރާތުން ކޮންމެ ބޭފުޅަކަށް ފިލިޕްސް ބްލެންޑާއެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ އިނާމު ލިބޭ ފަރާތްތައް ވެސް މިރޭ އިއުލާން ކުރި އެވެ.

ސަން ފްރަންޓުން ބުނީ އެ އިނާމުތައް އެ އޭގެ ވެރި ފަރާތްތަކަށް ހަފްތާއެއްގެ ތެރޭގައި ހަވާލު ކުރާނެ ކަމަށެވެ.