18 Aug 2013, 23:18
ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގާ ކަމަށް ފުލުހުން ތުހުމަތު ކުރާ މ. ލޮނިމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއް ރައްޒާގު (ސަފާ) ގެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރި ދައުވާގެ ޝަރުއީ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފި އެވެ.
ސަފާގެެެ ކޮއްކޮ މ. ލޮނުމިދިލިގޭ ޝުޒުނާ އަބްދުއްރައްޒާގެ މައްޗަށް ދަައުލަތުން ދައުވާ ކޮށްފައި ވަނީ އޭނާގެ ފިރިމީހާ މ. ކުދެހިގޭ ހުސައިން އަތީފް މަސްތުވާތަކެތި ގެންގުޅޭކަން އޭނާއަށް އެނގިހުރެ އެކަން ކަމާބެހޭ ފަރާތަށް އަންގާފައި ނުވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް މީހަކު ކުރިކަން އެނގިހުރެ އެކަން ކަމާ ބެހޭ ފަރާތަށް ނޭންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ނެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ޚުލާސާ ބަޔާން ހުށަހެޅުމާއި ޝުޒުނާގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެއްކެއްގެ ހެކިބަސް ނެގުމެވެ.
ޝުޒުނާގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ދައުލަަތުން ހުށަހަޅާފައި ވަނީ ފިރިމީހާ އާއި އޭނައާ ދެމެދުކޮށްފައިވާ ފޯންްކޯލެއްގެ ރެކޯޑިންް އެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަަތުގެ ވަކީލު ވިދާޅުވީ އެ ފޯންކޯލް ރެކޯޑުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެ ކޯލްގައި ވާހަކަދައްކާފައި ވަނީ ޝުޒުނާ އާއި އޭނާގެ ފިރިމީހާ ކަމަށް ދައުލަަތުން ހުށަހެޅި ކަމުގެ އިލްމު ލިބިގެންހުރި އެކްޕާޓު ހެކިބަސްދީފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝުޒުނާގެ ފަރާތުން ހުށަހެޅި ހެކިވެރިޔާ ބުނެފައި ވަނީ އެ އޯޑިއޯ އެނަލިސިސް ކުރި ސޮފްޓުވެއާ އަކީ މީހެއްގެ އަޑު އެހެން މީހެއްގެ އަޑަށް ބަަދަލުކުރުމުގެ ބާރު ލިބިފައިވާ ސޮފްޓުވެއާ އެއް ކަމަށެވެ.
ދައުލަތުން ކުރި ސުވާލުގެ ޖަަވާބުގައި އެމީހާ ބުނެފައި ވަނީ އޭނާ އަކި ކަަމުގެ އިލްމު ލިބިގެން ހުރި މީހެއް ނޫންކަމަށާއި ދައުލަތުން ހުށަހެޅި އޯޑިއޯ މީގެކުރިން އޭނާ އަޑުއަހާފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ކުރިން އެ އޯޑިއޯ އަޑުނާހާ މީހަކަށް އެކަމާ ބެހޭ ސައްޚަ މައުލޫމާތު ނުދެވޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންްމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.