ބްރަސަލްސް (އޮގަސްޓް 18): އާންމުންނާ ދެކޮޅަށް ހަރުކަށި ޢަމަލުތައް ހިންގުން މިސްރުން ހުއްޓާނުލާ ނަމަ މިސްރާ ދެކޮޅަށް ފިޔަވަޅުއަޅަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ޔޫރަޕްގެ އިއްތިޙާދުން ދީފި އެވެ.

މިސްރުގެ ވަގުތީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކަށް ބަރުހަތިޔާރުން ޙަމަލާދީ އެމީހުން މަރަމުން ގެންދާ މައްސަލައާ ގުޅިގެން ޔޫރަޕްގެ އިއްތިޙާދުން ބުނީ މިސްރާ އެކު ބާއްވާ ގުޅުންތައް އަލުން މުރާޖަޢާ ކުރަމުން ގެންދާކަމަށާ ސުލްޙަވެރި މުޒާހަރާތައްކުރާ އާންމުންނާ ދެކޮޅަށް ހަރުކަށި ޢަމަލުތައް ހިންގުން މިސްރުން ހުއްޓާނުލާ ނަމަ މިސްރާ ދެކޮޅަށް ފިޔަވަޅުއަޅަން ޖެހިދާނެ ކަމުގަ އެވެ. ނަމަވެސް ޔޫރަޕިޔަން ކޮމިޝަނުގެ ރައީސް ޖޯޒޭ މަނުއެލް ބައްރޫޒޯ ވަނީ މައިތިރިވެ ނަފްސު ކޮންޓްރޯލް ކުރުމަށް މިސްރުގެ ސަރުކާރަށާއި މަޤާމުން ދުރުކޮށްފައިވާ ރައީސް މުރުސީގެ ސަޕޯޓަރުންނަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.

ވޭތުވެދިޔަ ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި މުރުސީގެ ސަޕޯޓަރުންނާ ދެކޮޅަށް މިސްރުގެ ސިފައިން ބަރުހަތިޔާރުން ޙަމަލާދީ މުރުސީ އަށް ސަޕޯޓްކުރާ އާންމުންގެ 800 އެއްހާ މީހުން މަރާލައި އެތައް ހާސްބަޔަކު ޒަޚަމްކޮށް މުރުސީގެ އިޚްވާން ޖަމާއަތުގެ އިސްވެރިންގެ އެތައް ބަޔަކާއި އޭނާގެ ސަޕޯޓަރުންގެ އެތައް ހާސްބަޔަކު ޝަރީއަތަކާނުލައި ހައްޔަރުކޮށްގެން މިސްރުގައި ކުރިން އޮތް ޕޮލިސް ސްޓޭޓްގެ ނިޒާމު އަލުން އަނބުރައި ރުޖޫޢަކުރުމުން އެކަމާ މެދު ލޯމަރާލައިގެން އޮންނަ ކަމުގެ ތުހުމަތު ޔޫރަޕްގެ އިއްތިޙާދަށާއި އެމެރިކާގެ މައްޗަށް ވަނީ ކުރެވިފަ އެވެ. (ރޮއިޓާސް)