މަސްތުވާ ބޭހެއް ގެންގުޅުނު މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ސ. ހުުޅުދޫ މަޚުމާގޭ އަހްމަދު ޝިބާޒުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:35 އެހައިކަންހާއިރު ފިހާރައެއްގެ ތެރޭގައި ހުރެ ޝިބާޒު ބިންމައްޗަށް އެއްލާލި ޗުވިންގަމް ކަރުދާހެއްގެ ތެރޭގައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނެ އޭނާ ދަައުވާ އަށް އިއުތިރާފުވެފައިވާ ކަމަށެވެ.

އެ ޗުވިންގަމް ކަރުދާހުން ފެނުނު ތަކެތި ތަހުލީލު ކުރި އިރު 0.0474 ގްރާމް ޒެނެކްސް ހުރިކަން ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ މިންވަރަކީ އެބާވަތުގެ ބޭހެއް އެއްފަހަރާ ޑޮކްޓަރު ލިޔެދޭ މިންވަރެއް ނޫންކަމަށާއި ދައުލަތުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ނެތި ޑޮކްޓަރު ލިޔެދޭ މިންވަރަށް ވުރެ އިތުރަށް އެފަދަ ބޭހެއް ގެންގުޅުމަކީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝިބާޒު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އޭނާ އަކީ އެމިންވަރަށް އެބާވަތުގެ ބޭހެއް ގެންގުޅުމުގެ ހުއްދަ އޮތް މީހެއް ނޫންކަން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.