މިދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ތައްޔާރުވެގެން ނޫނީ ދަތުރަށް ނުފެށުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.


ފުލުހުން މިއަދު ބުނީ އެމްއެންޑީއެފް ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން ކަނޑު ދަތުރު ފަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މި މަހުގެ 11 ވަނަ ދުވަހު ފަށައިފައިވާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 96 އުޅަނދެއް ޗެކްކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ޗެކުކުރި އެއްވެސް އުޅަނދެއްގައި މާބޮޑެތި މައްސަލަތަކެއް ނެތް ނަމަވެސް ކޮންމެވެސް ވަރަކަށް ފަސްޓް އެއިޑް އާއި މުއްދަތު ހަމަވެފައިވާ ހުންނަ އަލިފާން ނިންވާފުޅީގެ މައްސަލަތައް އަދިވެސް ދިމާވަމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.


ވީހާވެސް ބޮޑަށް އުޅަނދު ފަހަރުގެ ރައްކާތެރި ކަމަށް ސަމާލުވުމަށާއި ދަތުރަށް ފެއްޓުމުގެ ކުރިން ކޯސްޓްގާޑާއި މެރިން ޕޮލިސް އަށް ގުޅައިގެން ސަލާމަތީ ކަންތައްތައް ޗެކްކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.