އާ ހާބަރު ސަރަހައްދުން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ބިންދޫކުރުން ހުއްޓުވުމަށް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސިވިލްް ކޯޓުން އެ މައްސަލަ ބާތިލް ކޮށްފައި ވަނީ ދައުލަތުގެ ވަކީލު ގަޑިއަށް ކޯޓަށް ހާޒިރުނުވުމުންނެވެ.

އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީސް ޝެޑިއުލް ކޮށްފައި ވަނީ 3:00 އަށެވެ. ނަމަވެސް ދައުލަތުގެ ވަކީލު ކޯޓަށް ވަޑައިގަތީ 10 ވަރަކަށް މިނިޓް ފަހުންނެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އާ ހާބަރު ސަރަހައްދު ތަަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަނީ އެ މައްސަލަައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ.

ދައުލަތުންް ގަޑިއަށް ހާޒިރުވެފައި ނުވާތީ އެ މައްސަލަ ބާތިލް ކޮށްދިނުމަށް އެދި އެ ކުންފުނީގެ ފަރާތުން މިއަދު ވަނީ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ.

ސިވިލް ކޯޓަށް އެ މައްސަަލަ ހުށަހަޅާފައި ވަނިކޮށް ކޮންމެ މަހަކު 400،000ރ.ގެ މަގުން 25 އަހަރަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓެޑަށް އާ ހާބަރު ސަރަހައްދު ކުއްޔަށް ދިނީ މި މަހުގެ ކުރީކޮޅު އެވެ.

މިކަމާ ބެހޭގޮތުން ބަންޑާރަ ނާއިބް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ސިވިލް ކޯޓުން މިއަދު އެ މައްސަލަ ބާތިލް ކުރިނަމަވެސް ވަރަށް އަވަހަށް އަލުންް އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.