ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން އާރްކޭއެލް ގުރޫޕަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު އެ ހުކުމް ކޮށްފައި ވަނީ ހެވީލޯޑުގެ ބޭނުމަށް ށ. ގައުކޮށިބީގެ މަސައްކަތެއް ކުރުމަށްޓަކައި 11 މެއި 2007 ގައި ކުއްޔަށް ހިފި އާރްކޭއެލްގެ ޕިންބާޖު 13 ޖުލައި 2007 އާއި ހަމައަށް ބޭނުންކުރި ނަމަވެސް އޭގެ ކުލި ދައްކާފައި ނުވާތީ އާރްކޭއެލް އިން ދައުވާ ކުރި މައްސަލަ ބެލުމަށްފަހު އެވެ.

އާރްކޭއެލްގެ ޕިންބާޖް ބޭނުން ކުރި ދުވަސްތަކުގެ ތެރެއިން 11 ދުވަހުގެ ކުއްޔަށްވާ 77،000ރ. އާއި ކުއްޔަށް ހިފި އިރު އެ ޕިންބާޖް އޮތް ބަނދަރު ކަމަށްވާ ތިލަފުއްޓަށް އަނބުރާ ގެންދިޔުމަށް ހޭދަވި 120،000ރ. އާއި އެކު ޖުމްލަ 232،000ރ. އަކީ ހެވީލޯޑުގެ ފަރާތުން އާރްްކޭއެލް އަށް ދައްކަންޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އެ ފައިސާ އަދާކުރުމުގެ ގޮތުން މިއަދުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރު ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން މިއަދު ވަނީ ހެވީލޯޑުގެ މައްޗަށް އަމުރުކޮށްފަ އެވެ.