ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކޯލިޝަނުން މާދަމާ ރޭ އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕިއެމްގެ ކައުންސިލް މެންބަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންއިން މާދަމާ ރޭ ބާއްވާ ޖަލްސާއަކީ ވަރަށް ހާއްސަ ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި އެ ދެޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން މާދަމާ ރޭގެ ޖަލްސާގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނާއި ރަނިންމޭޓް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު ގެ އިތުރުން އެމްޑީއޭގެ އިސްވެރިން ބައިވެރިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މާދަން ރޭގެ ޖަލްސާގައި އެ ކޯލިޝަންގެ ކެމްޕެއިން ތަފާތު ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.