18 Aug 2013, 20:36
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑްގައި ރާއްޖޭގެ ގައުމީ ޓީމް ކުޅޭ ރަހްމަތްތެރި ކަމުގެ ފުރަތަމަ މެޗު ތައިލެންޑްގެ އޮސޮޓްސްޕާ އެފްސީއާ ދެކޮޅަށް ބުރާސްފަތި ދުވަހު ހަވީރު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ތައި ޕްރިމިއާ ލީގު އަށް ވަނައިގައި އޮތް އޮސޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ގައުމީ ޓީމް ދެން ކުޅެން ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ، ތައިލެންޑްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެވެ. އެކުވެރި ކަމުގެ އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.
ތައިލެންޑްގައި ހުންނަވި ގައުމީ ޓީމުގެ މެނޭޖަރު އިބްރާހީމް އާމިރު (ސަލްސާ އާމިރު) "ސަން"އަށް ވިދާޅުވީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު ހުރިހާ ކުޅުންތެރިންގެ ހާލު ވެސް ވަރަށް ރަނގަޅު ކަމަށެވެ.
"ޓީމުގެ ފަރިތަކުރުންތައް ވަރަށް ފޯރިއާއެކު ކުރިއަށް މިދަނީ. ހުރިހާ ކުޅުންތެރިންގެ ހާލު ވެސް މިވަތު ވަރަށް ރަނގަޅު. މިހާރު ކުރިއަށް ގެންދާ ފަރިތަކުރުން ތަކުގައި އެއްވެސް ކުޅުންތެރިއަކަށް މިހާތަނަށް އެއްވެސް އަނިޔާއެއްވެ، އެފަދަ ކަމެއް ވެފައެއް ނެތް،" އާމިރު ވިދާޅުވި އެވެ.
ތަމްރީނު ދަތުރެއްގައި ގައުމީ ޓީމް ތައިލެންޑަށް ދިޔައީ މިދިޔަ ހުކުރު ދުވަހު ހެނދުނު އެވެ. އާމިރު ވިދާޅުވީ ތައިލެންޑުގައި ކުރާ ކޭމްޕުގައި މިހާރު ކުޅެން ހަމަޖެހިފައި ވަނީ އެކުވެރި ކަމުގެ ދެ މެޗުގެ ކަމަށާއި އިތުރު މެޗެއް ކުޅެން ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި ފުރުސަތު އަދި ހަމަނުޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ބެލިން އިތުރު މެޗެއް ވެސް ހަމަޖެހޭތޯ. އެކަމަކު މިދުވަސްވަރަކީ ތައިލެންޑްގެ ލީގު ފެށިގެން ހުރިހާ ޓީމުތައް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ދުވަސް ވަރެއް ކަމުން އިތުރު މެޗެއް ކުޅެން ހަމަޖެހޭ ގޮތެއް ނުވޭ،" ގައުމީ ޓީމުގެ މެނޭޖަރު ވިދާޅުވި އެވެ.
ތައިލެންޑްގައި ކުޅެން ހަމަޖެހިފައިވާ އެކުވެރި ކަމުގެ ދެ މެޗަށްފަހު މިމަހުގެ 24 ވަނަ ދުވަހު ކުޅުންތެރިން "ރެސްޓް" ކުރުމަށް ފަހު ގައުމީ ޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
ސާކް ސަރަހައްދުގައި ހިމެނޭ އަށް ގައުމު ވާދަކުރާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދާނީ މި މަހުގެ 31 އިން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގަ އެވެ.