18 Aug 2013, 19:32
އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑަރޭޝަން (އައިއޭއޭއެފް) ވާލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި އެތުލީޓް އަފާ އިސްމާއީލް މުބާރާތުގައި ވާދަކުރި އިވެންޓުން "ފުލުން" ދެ ވަނަ ލިބިގެން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރަޝިޔާގެ މޮސްކޯގައި މިހާރުކުރިޔަށްދާ އައިއޭއޭއެފް ވާލްޑް ޗެމްޕިއަންޝިޕްގައި އަފާ ވާދަކޮށްފައި ވަނީ އަންހެނުންގެ 200 މީޓަރު ދުވުމުގެ ތިން ވަނަ ހީޓުގަ އެވެ. މުބާރާތުގައި އަފާ އާއެކު ވާދަކުރި އަށް ގައުމުގެ ދުވުންތެރިންގެ ތެރިން އަފާ ރޭސް ނިންމާފައި ވަނީ 26.16 ސިކުންތުނެެވެ. އެއީ މުބާރާތުގެ ހަތް ވަނަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި އަފާއަށް ފުލުން ދެ ވަނަ ލިބުނު ކަމުގައި ވިޔަސް އޭނާ އެ މުބާރާތުގައި ނެރުނު ނަތީޖާއަކީ މި ސީޒަނުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ ކަމެށެވެ. އަދި މިއަހަރުގެ ޖުލައި މަހު އިންޑިއާގެ ޕޫނާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަފާ ދުވެފައި ވަނީ 26.51 ސިކުންތުން ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުންނެވެ.
މިފަހަރުގެ އައިއޭއޭއެފް ވާލްޑް ޗެމްޕިއަންޝިޕްގެ އެކިއެކި އިވެންޓްތަކުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ 280 ގައުމު ވަނީ ވާދަކޮށްފަ އެވެ.
http://www.youtube.com/watch?v=vVI4fda9Gss