18 Aug 2013, 18:50
ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރިން ބޭރުގެ ފަރާތަކާއެކު ކުންފުންޏެއް އުފައްދާފައި އޮތުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން ވަޒީރަކު ނުވަތަ އެ އިން މީހެއްގެ އަންބަކު ނުވަތަ ފިރިއަކު ވެސް އެއްވެސް ބިދޭސީއަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ވިޔަފާރިއެއް ހިންގުމަކީ ކުށެކެވެ. އަދި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޮޑިޓާ ޖެނެރަލާއި އިލެކްޝަންސް ކޮމިޝަނަރާއި އެ އިން މީހެއްގެ އަންބަކު ނުވަތަ ފިރިއަކު އެއްވެސް ބިދޭސީއަކާ ބައިވެރިވެގެން ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެކެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް "ސަން"އަށް މިއަދު ވިދާޅުވީ ވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން
ޖިހާދުއާ ގުޅިގެން ކުންފުންޏެއް އުފެއްދެވި ކަމަށެވެ. ފިނޭންސް މިނިސްޓަރު ކަމަށް ޖިހާދު ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރެއްގެ ގޮތުގަ އެވެ.
ޝަހީމް ވިދާޅުވީ އެބޭފުޅުން އުފެއްދެވި ކުންފުންޏަކީ ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ތައާރަފްކުރުމަށް އުފެއްދި ކުންފުއްޏެއް ކަމަށާއި މިނިސްޓަރު ކަމަށް ވަޑައިގަތުމަށްފަހު ކުންފުނީގެ އެއްވެސް މުއާމަލާތެއް ނުވަތަ މަސައްކަތެއް ވެސް ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް މިހާރު ވެސް އެ ކުންފުނި އޮންނާނީ އެ ދެ ބޭފުޅުންގެ ނަމުގައި ކަމަށް ޝަހީމް އެއްބަސްވެވަޑައިގެންނެވި އެވެ.
އޭސީސީ ރައީސް ހަސަން ލުތުފީ "ސަން"އަށް މިއަދު ވިދާޅުވީ މިނިސްޓަރު ޖިހާދާއި މިނިސްޓަރު ޝަހީމްއާއެކު ބޭރު ފަރާތަކުން ހިއްސާވެގެން ކުންފުއްޏެއް ހަދާފައިވާ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލަ ބަލަން ފަށާފައި ނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ އެޖެންޑާކޮށް ބަލަން ފަށާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
ބޭރު މީހަކާއި ގުޅިގެން އެދެބޭފުޅުން އުފައްދާފައިވާ ކުންފުއްޏަކީ ރިސޯޓް ހިންގުމަށް އުފައްދާފައިވާ ކުންފުއްޏެކެވެ. އެ ކުންފުންޏަށް ކިޔަނީ އައިއެސްއައި އިންވެސްޓުމަންޓްސް ލިމިޓެޑެވެ. އެ ކުންފުނި އުފެއްދީ 2010 ވަނަ އަހަރު އެވެ.
ޝަހީމްއާއި ޖިހާދު ބޭރު ފަރާތަކާ ގުޅިގެން ކުންފުނި ހެދި މައްސަލައެއް އޭސީސީއަށް ހުށައަޅާފައި ވަނީ ޝަހީމް އަނބިކަނބަލުން އާފިޔާ ވަހީދު ޒަކާތު ފަންޑަށް ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ބުނި ދުބާއީގެ ވިޔަފާރިވެރިޔާއާ އެކު ކުންފުންޏެއް ހެދި މައްސަލާގައި ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވާފައިވަނިކޮށެވެ.