ފުވައްމުލަކު އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސުމަށް ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް 4.5 މިލިއަން ރުފިޔާއަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ ރަށު އެއާޕޯޓު ހިންގާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ ލަންކާގެ ޑިވެލެކްސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ލައިޓް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"އެތަނުގައި ހަރުކުރަން ބޭނުންވާ ބައެއް ލައިޓްތައް މިހާރު ވަނީ އެ ރަށަށް ފޮނުވާފައި. އަދި ބާކީ ހުރި ލައިޓްތައް މިހާރު ހުރީ ރާއްޖެ ގެނައުމަށް ޝިޕްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކުގައި އެސްޓީއޯ އިން 2011 ވަނަ އަހަރު ނޮވެމްބަރު މަހު ހުޅުވި އެއާޕޯޓުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ރައީސް މުހައްމަދު ވަހީދު މާދަމާ އެ ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝާހިދު ވިދާޅުވީ އެ ރަށު އެއާޕޯޓުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޭގެ ފަހުން ރޭގަނޑު ފުވައްމުލަކަށް ފްލައިޓްތައް ޖައްސަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލައިޓްތައް ހަރުކޮށް ނިމުމާއެކު ޓެސްޓް ފްލައިޓެއް ބާއްވާނެ. އަދި އޭގެ ފަހުން ޝެޑިއުލް ދަތުރުތައް ރޭގަނޑު ފަށާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ އެއާޕޯޓްތަކުގެ ތެރެއިން މި ވަގުތު ރޭގަނޑު ފްލައިޓް ނުޖެއްސެނީ ހަމައެކަނި ފުވައްމުލަކުގަ އެވެ.