އާންމުނަށް ހިދުމަތްދޭ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ސިޓީއެއް ފޮނުވަން ނިންމަވައިފި އެވެ.

"ވަރަށް ވެދުން"ނަމުގައި ސިލްސިލާކޮށް ފެށި ޕޮރްގުރާމާ ބެހޭ މައުލޫމާތު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުންނާ ރައީސް ނަޝީދު ވަނީ މިއަދު ހިއްސާ ކުރައްވާފަ އެވެ. ވަރަށް ވެދުމުގެ ޕްރޮގްރާމް އެ ބޭފުޅުންނާ ހިއްސާ ކުރެއްވީ ލަންކާގެ ކޮލަންބޯގައި ހުންނަވައިގެން ގޫގްލް ހޭންގްއައުޓް މެދުވެރިކޮށެވެ.

ނަޝީދު ވިދާޅުވީ "ވަރަށް ވެދުން" ޕޮރްގުރާމުގެ ދަށުން އެންމެ ފުރަތަމަ ސިޓީ ފޮނުވަނީ ފުލުހުނަށް ކަމަށެވެ. ފުލުހުންނަށް ނަޝީދު ފޮނުއްވި ސިޓީ ވަނީ މީޑިއާގެ ހާޒިރުގައި އެމްޑީޕީގެ ގޫގްލް ހޭންގްއައުޓް ކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންނާ ހިއްސާ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ތަރައްގީ ކުރުމަށްޓަކައި ތައުލީމާއި ތަމްރީން އިތުރުކުރާނެ ކަމަށާއި އަދި މި ސަރައްދުގައި ފާހަގަ ކޮށްލެވެފަދަ ބަޔަކަށް ދިވެހި ފުލުހުން ހެދުމަށް އެމްޑީޕީ ސަރުކާރެއްގައި މަސައްކަތް ކުރާނެ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މަދުބަޔަކު ހިންގި ކަންތަކެއްގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ހިތުގައި ފުލުހުންނާއިމެދު ހިތް ނުތަވަސް ކަމެއް އުޅޭ ކަމަށާއި ނަމަވެސް އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން މަސައްކަތްކުރާ ބަޔަށް އަދި ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ބަޔަކަށް ހެދުން ކަމަށެވެ.

"މާތް ރަސްކަލާނގެ އިރާދަފުޅާއެކު ނޮވެންބަރު 11 ގައި ގާއިމުވެގެންދާ އެމްޑީޕީ ސަރުކާރެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ޑިމޮކުރަޓިކްކޮށް ހިންގޭނެ ގޮތަށް ފުލުހުންގެ ކަންތައް ބައްޓަން ކުރުމަށް. އަދި ރައްޔިތުންގެ ލޮތްބާއި އިހްތިރާމް ލިބިފައިވާ ސިޔާސީ ނުފޫޒުން އެއްކިޔާބާވެފައިވާ ބަޔަކަށް ފުލުހުން ހެދުމަށް. ހަމަ އެހެންމެ ރައްކާތެރި ވެއްޓަކަށް މުޖުތަމު ހެދުމުގެ ގާބިލްކަން ލިބިފައިވާ މުވައްސަސާއެއް ބިނާކުރުމަށް ޒަމާނީ ތައުލީމާއި ތަމްރީން މެދުވެރިކޮށް އެ ޕްރޮފެޝަނަލް ގާބިލްކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަދާނަން. ދިވެހި ފުލުހުންގެ މުވައްސަސާއަކީ ދެކުނު އޭޝިޔާގައި ވެސް ނަމޫނާ ބަޔަށް ހެދުމަށް މަސައްކަތްކޮށް ފުލުހުނަށް ހައްގުވާ މަގާމު ހޯދައި ދޭނެކަމުގެ ޔަގީކަން އަރުވަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ސިޔާސަތު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.