ރާއްޖެ އެތެރެކުރާ ކާބޯ ތަކެއްޗާއި ބޭހަކީ އާންމު ރައްޔިތުން އެތަކެތީގެ ބޭނުން ކުރުމަށް ކިހާ ރައްކާތެރި އެއްޗެހިތޯ ބެއްލުމަށް ކަނޑައަޅާފައިވާ ނިޒާމު ވަނީ "ކޮލެޕްސް" [ފޫވެއްޓިފައި]ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހިފެހެއްޓުމެއް ނެތް ގޮތަކަށް "ފޭކު" ބޭހާއި ފެންވަރު ނެތް ކާތަކެތި ރާއްޖެ އެތެރެވަމުން އަންނަ ކަމަށް ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުހަންމަދު އަސްވާން ވިދާޅުވެއްޖެ އެވެ.


ސަން އޮންލައިނަށް މިއަދު ދެއްވި ހާއްސަ އިންޓަވިއު އެއްގައި އަސްވާން ވިދާޅުވީ ނަކަލުކޮށްފައި ހުންނަ ބޭހާއި ފެންވަރެއް ނެތް ކާބޯތަކެތި "ޑަމްޕް"[ އުކާލާ ތަނަކަށް] ކުރާ މަންޒިލަކަށް މިއަދު ރާއްޖެ ވެފައިވާ ކަމަށާއި އޭގެ ސަބަބުން މުއްދަތު ހަމަވުމާ ގާތްވެފައިވާ ބޭހާއި ކާތަކެތި ވެސް ރާއްޖެ އެތެރެ ވަމުން އަންނަ ކަމަށެވެ. އަދި އެއީ ކަސްޓަމްސް އަށް އެކަނި ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓުވޭނީ އެ ކޮނޮމިކް މިނިސްޓްރީ އާއި ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ ޒިންމާ ވެސް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެން ކަމަށް އަސްވާން ވިދާޅުވި އެވެ.  


"އެކޮނޮމިކް މިނިސްޓްރީގެ ޒިންމާތަކެއް އެބަވޭ. އެބޭފުޅުންގެ ރޯލު އެބަ ފުޅާ ކުރަންޖެހޭ. އަދި ވިޔަފާރި ވެރިންގެ ޖަމިއްޔާގެ ޒިންމާތަކެއް ވެސް އެބަވޭ. އަޅުގަނޑު މިދަންނަވަނީ ހުރިހާ ވިޔަފާރި ވެރިން ގޯސް ވާހަކައެއް ނޫން. އެބޭފުޅުންގެ ތެރޭގައި ވެސް އެބަ އުޅުއްވާ ގައުމަށް ވަރަށް ވަފާތެރިކަމާ އެކު މިކަން ކަން ކޮށްދެއްވާ ބޭފުޅުން ވެސް، އެކަމަކު މިހާރު ގިނަވަމުން މި އަންނަނީ އެއްވެސް އެތިކަލް، ނޭޝަނަލް... އުސޫލުތަކެއް ނެތް ބަޔަކު ވިޔަފާރީގެ ތެރެއަށް ވަދެގެން މިކަހަލަ ކަންތައްތަކެއް [ކުރާތަން]. އެބައި ގިނަވަމުން މިދަނީ. މިކަހަލަ މީހުން ކޮންޓްރޯލް ކުރެވޭނެ މެކޭނިޒަމެއެއް އެބަ ގާއިމް ކުރަން ޖެހޭ،" އަސްވާން ވިދާޅުވި އެވެ. "މިސާލަކަށް ދަންނަ ވަނީ ނަމަ ފުޑް އެންޑް ޓުރަގް އޮތޯރިޓީން އެ އޮތީ ޕެރިސެބުލް އާއި މަސްތަކާއި ބިހާއި މި ހުރިހާ އެއްޗެއް ދޫކޮށްލާފައި. މިސާލަކަށް ކުކުޅި ބިސް. އިންޑިއާ އިން ގެންނަ ކުކުޅު ބިހަކު ނުހުރޭ އެކްސްޕައިރީ ޑޭޓް[މުއްދަތު ހަމަވާ ތާރީހު] ޖަހާފައެއް. އެހެންވެ ފުޑް އެންޑް ޑުރަކް އޮތޯ ރިޓީން އެތަކެތި ނައްތާލީމާ މިއުޅޭ[ބިދޭސީ] މަސައްކަތު މީހުން ނަގައިގެން އެތަކެތި އެބަ ވިއްކާ. އެހެންވީމާ މި ބުނަނީ މެކޭނިޒަމް މި އޮތީ ފެއިލް ވެފައޭ،"  ރާއްޖެ އެތެރެ ކުރާ "ފޭކް" ޕްރޮޑަކްޓްތަކުގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި އަސްވާން ވިދާޅުވީ ރާއްޖޭގައި ކެންސަރު ބަލި އިތުރުވެގެން ދިޔުމުގެ ސަބަބެއް ކަމުގައި "ފޭކު" ބޭސް ބޭނުން ކުރުން ވެދާނެ ކަމަށެވެ. އަދި ފޭކް ބޭސް އެތެރެ ވުމާއި ކޮލިޓީ ނެތް ކާތަކެތި އެތެރެވުން މިއަދު ރާއްޖޭގައި ނުރައްކާތެރި ހާލަތަކަށް ގޮސްފައި ކަމަށް ވެސް އަސްވާން ވިދާޅުވި އެވެ.


"މީގައި ބުނަން ނޭނގޭ އެތައް ގެއްލުންތަކެއް ލިބުން ވެސް އެކަށީގެންވޭ. ހަގީގަތަށް ބަލާއިރު އަދި ބޭސްލައިން ސްޑަޑީއެއް ހެދިފަކައި ނެތް. ސީދާ މިވެނި ބަލިތަކަކާ އެއްޗިހި މި އަންނަނީ މިވެނި ކަންތައްތަކުގެ ސަބަބުންނޭ، އެކަމަކު ކަމާ ގުޅޭ ވަރަށް ގިނަ ފަރާތްތަކާއި ބޭރުގެ އެކްސް ޕާޓުން ވިދާޅުވާ ގޮތުގައި ވިއްޔާމުން މިކަހަލަ ކަންތައް ވުމަށް މަގުފަހިވެފައި އެބަހުރި މިކަހަލ އެއްޗިހިގެ ސަބަބުން. ރާއްޖޭގައި އަދި މިކަހަލަ ކަންތައްތައް ވެފައި މިއޮތީ ވަރަށް އާދައިގެ ފެންވަރަކަށް ދޫކޮށްލެވިފައި. ރެގިއުލޭޓްރީ ބޮޑީތަކުން މި އެއްޗެހިތައް ބެލޭނޭ ގޮތްތަކާއި ފެތުރޭ ބަލިތަކާ މި ކަންކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ދާއިރާތަކަށް މިކަން ކަމުގެ ތެރެއަށް ނުވަދެވި މިތިބީ ބުނަންވެސް ނޭނގޭ ދަރަޖައަކަށް. އެނގޭހާ ވެސް އެއްޗަކީ ބޭސްތަކާއި ފުޑް ސުޓަފްސްތައް އެތެރެވަމުން އަންނަނީ ބެލުމެއް ނެތިކަން،"


ފޭކް ބޭސްތަކާއި ފެންވަރު ނެތް ކާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމުގައި ފުޑް އެންޑް ޑުރަގް އޮތޯރިޓީން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމާއި އެފަދަ ކަންކަން ކަސްޓަމްސް އަށް އެކަނި ނުހުއްޓުވޭނޭ ކަމަށް އަސްވާން ފާހަގަ ކުރެއްވި އެވެ.


"އަޅުގަނޑުމެންނެއް ނޫން ލެބޯޓްރީ ޓެސްޓް ކުރާނީ، އެބޭފުޅުން ދޭތެރެއަކުން އެކޮޅަށް ގެންގޮސްގެން ބޭސްތައް އެބަ ޗެކްކުރޭ. އަޅުގަނޑު މިދަންނަ ވަނީ މިދަރަޖަ އަށް ބޭހުގެ ކަންތައް މި އޮތީ ދޫވެފައޭ. ދުނިޔޭގެ ބައެއް ތަންތަނުގައި ޑަމްޕްކުރާ ފަރާތްތަކުން އީޓު ކުޑިން ބޭސް ހަދާފައި އެބަ ބޭރުކުރޭ. އަޅުގަނޑުމެން ނުބަލަންޏާ ކިހިނެތްތޯ އިނގޭނީ ކޯޗެއް ކަމެއް އޭގައި ހުރީ. އެބަ އެނގޭ ފޭކު އެއްޗިހި ރާއްޖެ އައިސްފައި ހުރިކަން. މިހާރު ވެސް އެބަހުރި މުއްދަތު ހަމަވާން ގާތްވެފައި ހުރި ބޭސްތަކެއް ޑަމްޕްކޮށްފައި. އަޅުގަނޑުމެން ގެންދަނީ އެނގޭ ވަރަކުން އެތަކެތި ނައްތާލަމުން. އެކަމަކު މިހާރު ރާއްޖޭގައި މިކަން މިއޮތް ދަރަޖަ އާ ބާލާފައި އެބަ ޖެހޭ އެ ބޭފުޅުންގެ ރެގިއުލޭޝަން ވެސް ވަރުގަދަކޮށް ފުޅާކުރަން. ދެތިން އިންސްޕެކްޓަރުން ހޮޓާ ފަދަ ތަންތަން ޗެކް ކުރާ އުސޫލުން މިކަމެއް ނުވާނެ. އަޅުގަނޑުމެންނަކީ ހުރިހާ ކަމެއްގެ ސުޕެސަލިސްޓުންނެއް ނޫން. ކިހިނެތްތޯ އަޅުގަނޑުމެން އެތާ ތިބެ ހުރިހާ ކަމެއް ބަލާނީ،" އަސްވާން ވިދާޅުވި އެވެ.


އެނާ އިތުރަށް ވިދާޅުވީ ފުޑް އެންޑް ޑުރަކް އޮތޯރިޓީން ހުއްދަ ދޭ ސެޓްފިކެޓަކަށް ބަލައިގެން ބޭސްފަދަ ތަކެތި މިހާރު ދޫކުރަމުން ދިޔަ ކަމުގައި ވީނަމަވެސް އެގޮތަށް މިއަދު އެކަން ކުރެވެން ނެތް ކަމަށެވެ. އަދި ބޭސް އެތެރެކުރަނީ ސެޓްފިކެޓެއް އޮވެގެން ކަމަށް ވިއަސް، ނަހަމަ ގޮތުގައި ބޭސް އެތެރެކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަންކަން ހުއްޓުވުމަށްޓަކައި ކަސްޓަމްސް އަށް އެޅެން ހުރި ފިޔަވަޅުތައް އަޅުއްވަމުން އަންނަ ކަމަށާއި އެގޮތުން މިއަންނަ އަހަރު ފެށޭ އިރަށް ސިންގަލް ވިންޑޯ އިން ހިދުމަތްދޭ ނިޒާމެއް ގާއިމް ކުރާނެ ކަމަށް އަސްވާން ވިދާޅުވި އެވެ.