18 Aug 2013, 15:35
ދުބާއީން ގެންނަ ތެޔޮ ޝިޕްމަންޓް އައުން ލަސްވެގެން އެސްޓީއޯ އިން ތެޔޮ ވިއްކުން ކޮންޓްރޯލްކުރުމަށް ފަހު މިހާރު ކޮންޓްރޯލް ދޫކޮށްލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު ޝިޕްމަންޓް އައުމާ އެކު އެއްވެސް ކޮންޓްރޯލެއް ނެތި ހުރިހާ ސަޕްލަޔަރުންނަށް ތެޔޮ ވިއްކަމުން ގެންދާ ކަމަށެވެ.
"ޝިޕްމަންޓް އައުން ލަސްވީ ބޯޓަށް ލޯޑިން ބާތަށް ކައިރިއަށް ކައިރި ނުކުރެވިގެން. ޗާޓަރު ބޯޓުތަކެއްވީމަ އެންމެ ދުވަހެއް ލަސްވިޔަސް ކިޔޫގެ މައްސަލަ ނުކުންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ޝިޕްމަންޓް އައުން ލަސްވެގެން ކޮންޓްރޯލްކުރުމަކީ އަލަށް ދިމާވި މައްސަލައެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ކޮންޓްރޯލްކޮށްގެން ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންޓްރޯލްކޮށްގެން ވިއްކި ނަމަވެސް ސްޓެލްކޯއާއި ރިސޯޓްތަކާއި އެނޫން ވެސް މުހިންމު ތަންތަނަށް އެއްވެސް ދަތިކަމެއް ނެތި އަޅުގަނޑުމެން ދިޔައީ ސަޕްލައިކޮށްދެމުން. އެނޫން ސަޕްލަޔަރުންނަށް ވިއްކީ ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލްކޮށްގެން،" ޝާހިދު ވިދާޅުވި އެވެ.