18 Aug 2013, 15:02
ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް "ވީކެންޑް މާކެޓް"ނަމުގައި މާލޭގައި މާކެޓެއް ބޭއްވުމަށް ނިންމައިފި އެވެ.
މި މާކެޓްގެ ކަންތައްތައް އިންތިޒާމްކުރާ ގޯމީޑިއާ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި މި އަަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މާކެޓް ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ހުކުރު އަދި ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.
ޖުމްލަ 40 ސްޓޯލްގެ ޖާގަ ހިމެނޭ މި މާކެޓްގެ ސްޓޯލްތައް މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ.
މިފަދަ މާކެޓެއް ބޭއްވުމުގެ ބޭނުމަކީ އާއްމުންގެ ތެރޭގައި ބާޒާރު ކުރުމުގެ ރޫހު އިތުރުކުރުމާއި ކުދި ބޮޑު ހުރިހާ ވިޔަފާރިއަކަށް ބައިވެރިވެގެން މުދާ އަވަސްގޮތަކަށް ރޯލް ވުމުގެ ފުރުސަތު ހޯދުން ކަމަށް ގޯމިޑީއާ އިން ބުންޏެވެ.
ވީކެންޑް މާކެޓްގައި ކުދި ބޮޑު ހުރިހާ ވިޔަފާރިއަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި މިފަހަރުގެ ބާއްވާ މި މާކެޓްގައި އިސްކަންދޭނީ ޓްރޭޑްގައި ރަޖިސްޓްރީކޮށްގެން ރަސްމީކޮށް މިހާރު ވެސް ވިޔަފާރިކުރަމުން ގެންދާ ކުންފުނިތަކަށާއި ވިޔަފާރިތަކަށް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ގޯމީޑިއާ އިން ބުނީ މިފަދަ މާކެޓެއް ބޭއްވުމުގެ ބޭނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވީކެންޑް މާކެޓް، ސަންޑޭ މާކެޓް ފަދަ މާކެޓްތަކަކީ ވަރަށް ފޯރިގަަދަކޮށް ބާއްވާ މާކެޓްތަކެއް ކަމުގައި ވާތީ އާއި އެފަދަ މާކެޓްތަކަށް އާއްމުންގެ ވަރަށް ބޮޑު މަގުބޫލްކަމެއް ލިބިފައިވާތީ ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ސިންގަޕޫރު އެމެރިކާ އާއި ޖަޕާން ފަަދަ ގައުމުތަކުގައި ވެސް ވީކެންޑް މާކެޓަކީ ވަރަށް މަޝްހޫރު މާކެޓެއް ކަމަށާއި ރާއްޖޭގައި މިހާރު ވެސް ރީޓެލް ވިޔަފާރި ވަރަށް ބާރަށް ކުރިއަރަމުން ދާތީވެ ވީކެންޑް މާކެޓް ވެގެންދާނީ ވަރަށް މަގުބޫލް މުހިންމު މާކެޓަކަށް ކަމަށް ގޯމީޑިއާ އިން ބުންޏެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ "ވީކެންޑް މާކެޓް" ބޭއްވުމަށް ގޯމީޑިއާއާ ހަވާލުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ މާކެޓް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އިމާރާތް ހުންނަ ގޯތީގެ ސަރަހައްދުގައި ކަމަށެވެ.
ގޯމީޑިއާއަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް "ނައިޓް މާކެޓް" ހިންގުމަށް ވެސް ހަވާލުކޮށްފައިވާ ފަރާތެވެ. އެގޮތުން ގޯމީޑިއާގެ ފުރަތަމަ ނައިޓް މާކެޓް މިއަހަރުގެ ރޯދަ މަހުގެ ކުރިން ވަނީ ބާއްވައިފަ އެވެ.