18 Aug 2013, 14:53
އެއްވެސް ފަރާތަކުން ޓީވީ މޯލްޑިވްސް ބޮއިކޮޓް ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ޗެނަލް ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ( އެމްބީސީ) އިން މިއަދު ބުނެފި އެވެ.
ޓީވީއެމް ބޮއިކޮޓް ކުރަން ޖެހިދާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައި ވާތީ އެކަމާ މެދު ވިދާޅުވާނީ ކީކޭތޯ ސަން އިން ސުވާލު ދެންނެވުމުން އެމްބީސީގެ ތަރުޖަމާނު އަބުދުﷲ ރަމީޒު ވިދާޅުވީ ޓީވީއެމް ބޮއިކޮޓް ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ފަރާތަކުން ޓީވީއެމް ބޮއިކޮޓް ކުރަން ޖެހޭ ސަބަބެއް މެދުވެރި ވެއްޖެ ހެންނެއް،" ރަމީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮގްރާމްތައް ގެންނަނީ އެޑިޓޯރިއަލް ސިޔާސަތުތަކާ އެއްގޮތަށް ކަމަށާއި ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި ސިޔާސީ ޕްރޮގްރާމަކާ ބެހޭ ގޮތުން އެކި ފަރާތްތަކުން ދެކޭނީ އެކި ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސަތު ޕްރޮގްރާމްގައި ޕްރޮފެޝަނަލް ނޫންކޮށް ކަމެއް ހިނގާފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްރޮގްރާމްތައް މިގެންނަނީ އަޅުގަނޑުމެންގެ އެޑިޓޯރިއަލް ސިޔާސަތުތަކާ އެއްގޮތަށް. ތުހުމަތު ކުރާނެ ދެން، މިހާރު ސިޔާސީ ވާދަވެރިކަމެއްގައި ސިޔާސީ ކަންތައްތައްކެއް ހިނގަމުން މިދަނީ ދެއްތޯ. ދެން މިކަހަލަ ސިޔާސީ ޕްރޮގްރާމެއްގައި އެކި ބޭފުޅުން އެ ޕްރޮގްރާމަކާ ބެހޭ ގޮތުން ދެކޭ ގޮތް ތަފާތުވާނެ، އެހެން ވީމާ އެކަހަލަ ތަފާތުތަކެއް ކަންނޭނގެ ތިޔަ އުޅެނީ. އަޅުގަނޑުމެން ނުދެކެން އަޅުގަނޑުމެންގެ ކޮންޓެންޓް ވަކިފަރާތަކަށް ޖެހި ޕްރޮފެޝަނަލިޒަމުން ބޭރުން އެއްވެސް ކަމެއް ކުރަމުން ގެންދާ ކަމަކަށް. އެފަދަ ކަމެއް ފާހަގަކުރެވިފައެއް ނެތް،"
ޓީވީއެމް ވަކީ ފަރާތަކަށް ޖެހިފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ކޮށްފައިވާ ތުހުމަތު ތަކާ މެދު ވިދާޅުވާނީ ކީކޭތޯ ދެންނެވުމުން ރަމީޒު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީިން އިއްޔެ ބުނެފައި ވަނީ ޓީވީ މޯލްޑިވްސްގެ "ސިޔާސަތު" ޕްރޮގްރާމްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ ދޭތެރޭ އަމަލުކޮށްފައި ވަނީ އިހާނެތިކޮށް ކަމަށާއި އެ ސަބަބާ ހުރެ ޓީވީ މޯލްޑިވްސް ބޮއިކަޓް ކުރަން ޖެހިދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އިއްޔެ ހަވީރު އެ ޕާޓީން ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ އެ ޕާޓީގެ ލީޑަރު އިއްޔެ ރޭ ޓީވީއެމްގެ ލައިވް ޕްރޮގްރާމަކަށް ގެންދެވުމަށް ފަހު އަމަލު ކުރީ ވަރަށް ދަށުދަރަޖާގައި ކަމަށާއި އަދި ވަރަށް ޒާތީކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ޓީވީއެމުން އެކަންކޮށްފައި ވަނީ ގަސްތުގައި އެ ޕާޓީގެ ލީޑަރުގެ "ކަތިލުމަށް" އަދި "ސިސްޓަމެޓިކް ރޭވުމެއްގެ ދަށުން މީހާއާ ދިމާކުރުމުގެ ގޮތުން ކުރި ކަމެއް" ކަމަށެވެ.