ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ސިޔާސަތުތައް ރައްޔިތުންނަށް ހާމަކުރަން ބައެއް ޗެނަލުތަކުން ގެނެސްދޭ ޕްރޮގްރާމުތައް ބޮއިކޯޓު ކުރުމަށް ގޮވާލާ ބޭފުޅަކީ ވެރިކަމަށް ގާބިލު ބޭފުޅުން ނޫން ކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަނުން ބުނެފި އެވެ.

ޖުމްހޫރީ ގުޅުމުން ޓީވީއެމް ބޮއިކަޓް ކުރަން ޖެހިދާނެ ކަމަށް ބުނެ އިއްޔެ އެ ގުޅުމުން ދެއްކި ވާހަކައާ ގުޅިގެން މިއަދު ރާވެރިޔާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކޯލިޝަންގެ ސްޕޯކްސް ޕާސަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މިހާރަކަށް އައިސް ބައެއް ނޫސް ޗެނަލުތައް ބޮއިކޯޓުކުރަން މަސައްކަތްކޮށް އެތަންތަނަށް ފާޑުކިޔުންތައް އަމާޒުވެގެންދާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ގޮވާލާ ބޭފުޅުންނަކީ ވެރިކަން ކުރުމަށް ގާބިލު ބޭފުޅުންގެ ގޮތުގައި ނުދެކެވޭ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.

"ރިޔާސީ ކެނޑިޑޭޓުގެ ޑިބޭޓުގައި ބައިވެރި ނުވާ ފަރާތަކީ މިޒަމާނުގައި ޑިމޮކުރެޓިކު އުސޫލުތަކާއި ތަހުޒީބު ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ކުރުމުގާ ގާބިލުކަން ހުރި ބޭފުޅެއްގެ ގޮތުގައި އަޅުނގަޑުމެން ނުދެކެން. އެއީ އެބޭފުޅެއްގެ ސިޔާސަތު ހުރިހާ ހާލަތެއްގައި ހުރިހާ މީޑިއާތަކެއްގެ ކުރިމަތީގައި އަދި ކޮންމެ ޑިބޭޓެއްގައި ވެސް ހާމަކުރެވެން ޖެހޭނެ،" ނާފިޒު ވިދާޅުވި އެވެ.


ނާފިޒު އިތުރަށް ވިދާޅުވީ މީޑިއާގެ ފަރާތަކުން އެއްޗެއް ވިދާޅުވާ އިރަށް އެކަން ބަލައި ނުގަނެވި އެ މީޑިއާއެއް ބޮއިކަޓު ކުރަން ބޭނުންވަންޏާ މީޑިއާގެ ދައުރު މުޅިން ފަޑުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެޓެއް ނަމަ އެބޭފުޅަކު ދައްކާ ވާހަކަތަކަށް ރައްދުދީ އެކަމުން ދިފާއުވުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

ނާފިޒު މިހެން ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓުންގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ޓީވީއެމުން ގެނެސްދޭ "ސިޔާސަތު" ޕްރޮގްރާމްގައި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމު އާ ސުވާލުކުރީ ވަރަށް ދަށްގޮތަކަށް ކަމަށް ބުނެ އެޗެނަލުން ގެންދާ ޕްރޮގްރާމުތައް ބޮއިކޯޓުކުރަން ޖެހިދާނެ ކަމަށް އިންޒާރު ދީފައިވާތީ އެވެ.

އެ ކޯލިޝަނުން ބުނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މާދަމާ ކެމްޕޭން ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ހދ. އަތޮޅުގައި ދޮރުން ދޮރަށް ކެމްޕޭންއެއް މިހާރު ވެސް ކުރިއަށް ގެންދަވާ ކަމަށް ވެސް އެ ކޯލިޝަނުން މައުލޫމާތު ދިނެވެ.