މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ރޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ހައްޔަރު ކުރުމަށް ފަހު އޭނާގެ ފޯނު ޗެކްކުރި އިރު ފައިސާތަކެއް ނުލިބިގެން ކޮށްފައިވާ އެސްއެމްއެސް އެއް އޭނާގެ ފޯނުން ފެނުނުކަމަށް ދެ މީހަކު ހެކިބަސް ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދެމުން ފުރަތަމަ ހެކިބަސް ދިން މީހާ ބުނީ މީހެއްގެ ގަޔަށް ވަޅި ހަރައިގެން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ތިން މީހަކާ އެކު ސްޓޭޓް ބޭންކް އޮފް އިންޑިއާ ދިމާލުން އާޓިފިޝަލް ބީޗުގައި ހުއްޓާ ބަލައިފާސްކުރުމަށް ފަހު ހުމާމް ހައްޔަރުކޮށްގެން ގެންދިޔައީ އަތޮޅުވެއްސަށް ކަމަށެވެ.

އޭނާ ބުނީ އަތޮޅުވެހީގައި ހުމާމްގެ މޯބައިލް ފޯން ޗެކްކުރި އިރު "ކޮބާ ލާރި ކޮޅު" އެކަހަލަ ގޮތަކަށް ލިޔެ މީހަކަށް ފޮނުވާފައި އޮތް އެސްއެމްއެސް އެއް އޭނާ އަށް ފެނުނު ކަމަށެވެ.

ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ ލާރިއެއް ނުދީގެން މީހަކަށް ކޮށްފައިވާ އެސްއެމްއެސް އެއް ހުމާމްގެ ފޯނުން އޭނާ އަށް ފެނުނު ކަމަށެވެ.

ހެކިބަސް ދެމުން އެ ދެ މީހުން ވެސް ބުނީ ހުމާމް އަކީ ކުރިން ވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހެއް ކަމަށާއި ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލި ރޭ ހައްޔަރު ކުރި އިރު އާދަޔާ ޚިލާފު ކަންތައްތަކެއް އޭނާގެ ފަރާތުން ފެނުނު ކަމަށެވެ.

އެ ދެ މީހުން ބުނީ ހުމާމް ހުރީ ބިރުގެންފައި ކަމަށާއި އޭނާގެ އަތްވެސް ބިރުން ތުރުތުރު އަޅަމުން ދިޔަ ކަމަށެވެ. އެވަގުތު އޭނާ ހުރީ ވަރަށް ބޮޑަށް ދާހިއްލާފަ ކަމަށް ވެސް ހެކިބަސް ދެމުން އެ ދެ މީހުން ބުންޏެވެ.

ހުމާމްއާ އެކު އެތަނުގައި ތިބި ތިން މީހުން ވެސް ބަލައި ފާސްކޮށްފައިވާނެ ކަމަށާއި ނަމަވެސް ހުމާމްގެ ފަރާތުން ފެނުނު ކަހަލަ އާދަޔާ ޚިލާފުކަމެއް އެމީހުންގެ ފަރާތުން ފެނިފައިނުވާ ކަމަށް ވެސް އެ ދެ މީހުން ވަނީ ބުނެފަ އެވެ.

މިއަދު ހެކިބަސް ދިން އެ ދެ މީހުންގެ ހެކިބަހުގައި ކޮންމެވެސް ވަރެއްގެ ފުށުއެރުމެއް ވެސް ހުއްޓެވެ.

ފުރަތަމަ ހެކިބަސް ދިން މީހާ ބުނީ ހުމާމް ހުރިތަނަށް ފުލުހުން ދިޔުމުން "ބަޑީއޭ ކަޑައެއް ނޫންހޭ އަފްރާޝީމް ގަޔަށް ވަޅިއެއް ޖަހައިގެން ނޫންހޭ އުޅެނީ،" އެ އިބާރާތުން ހުމާމް ބުނި ކަމަށެވެ. ނަމަވެސް ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ އެވަގުތު ހުމާމް ބުނެފައި ވަނީ "ވަރަށް ކަޑަ ދޯއޭ މީހެއްގެ ގަޔަށް ވަޅިއެއް ޖަހައިގެން އެބައުޅޭ" ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ހުމާމްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކީން ޝަރީއަތަށް ބަލައި ނުގަތުމަށް ނިންމާފަ އެވެ.

ގާޒީ ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ހުމާމްގެ ފަރާތުން ހެކި ހުށަހެޅީ ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް ނަގައި ނިމުނުފަހުން ކަމަށް ވާތީ ކަމަށެވެ.

ހުމާމްއާ އެކު ހ. ފުންވިލުގެއަށް ގޮސް ތޫނުއެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހަރާކޮށްލި ކަމުގެ ތުހުމަތުގައި ދެން ދައުވާ ކޮށްފައި ވަނީ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް އަދި ނަގާފައެއް ނުވެ އެވެ.