18 Aug 2013, 13:56
ޓީސީ ސްޕޯޓްސް ކްލަބް ދެ ސެޓުން ބަލިކޮށް މިއަހަރުގެ "ސްނިކާސް ބައިބަލާ" މުބާރާތުގެ ޗެމްޕިއަންކަން ޔޫއެން ފްރެންޑްސްއިން ހޯދައިފި އެވެ. މިއީ މިމުބާރަތުގެ ޗެމްޕިއަންކަން ޔޫއެން ފްރެންޑްސްއިން ހޯދި ފުރަތަމަ ފަހަރެވެ.
ހެންވޭރު ކޮޅު ކާނިވާ ސަރަހައްދު ދެކުނު ފަރާތު ހުސްބިމުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޓީސީއާ ބައްދަލުކޮށް ޔޫއެން ފްރެންޑްސްއިން ޗެމްޕިއަންކަން ހޯދީ މުބާރާތުގައި އެ ޓީމް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.
ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތައް ހާސިލް ކުރި ކުޅުންތެރިންނާއި ޓީމްތައް ވަނީ ހޮވި އެވެ. މި އަހަރުގެ ބައިބަލާ މުބާރާތުގެ މިސްޓަ ބައިބަލާގެ މަގާމް ހޯދީ ޔޫއެން ފްރެންޑްސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ފިރާޒް މޫސާ (ކުޑަމައްލާ) އެވެ. އޭނައަށް ވަނީ ބައިބަލާ އެސޯސިއޭޝަނުން ހުށަހަޅައިފައިވާ 10،000ރ. ގެ ފައިސާގެ އިނާމުގެ އިތުރުން، މުބާރާތުގެ ކޯ ސްޕޮންސާ ވައިލް ކެޓް އިން ހުށަހަޅައިފައިވާ 2000ރ. ވެސް ލިބިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ލޮރެންޒޯ އަށް ކުޅުނު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަހުމަދު މުހައްމަދު (އަންމަޑޭ) އާއި ޔޫއެންފްރެންޑްސްގެ އަލީ ޝާފިއު އާއި އެ ޓީމުގެ އަލީ ވިޖުއާން އާއި ޓީސީގެ މުހައްމަދު މިދުހަތާއި އަދި އެޓީމުގެ އަބްދުﷲ ޝާޒިން އެވެ.
މުބާރަތުގެ ޗެމްޕިއަންކަން ހޯދި ޔޫއެން ފްރެންޑްސްއަށް އިނާމާއި ޓްރޮފީ ހަވާލްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޔޫއެން ފްރެންޑްސްއަށް ޓްރޮފީއާ އެކު، 75،000ރ. ގެ ފައިސާގެ އިނާމް ރޭ ވަނީ ލިބިފައެވެ.
މުބާރާތުގެ ރަނަރަޕް ޓީސީ ވަނީ ޓްރޮފީއާ އެކު 40،000ރ. ގެ ފައިސާގެ އިނާމު ރޭ ވަނީ ލިބިފައެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އީގަލްސް އިން ތުރީ ޑީ އެވެ. އެޓީމަށް ވަނީ ޓްރޮފީއާ އެކު، ބައިބަލާ އެސޯސިއޭޝަނުން ދޭ 10،000ރ. ގެ ފައިސާގެ އިނާމާއި ބައިބަލާ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ބީޖީ ސްޕޯޓްސް އިން ދިން 5000ރ. ގެ ފައިސާގެ އިނާމު ވެސް ލިބިފަ އެވެ.
މި އަހަރުގެ ބައިބަލާ މުބާރާތުގައި ޖުމްލަ 49 ޓީމެއް ވަނީ ވާދަކޮށްފަ އެވެ. މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 44 ޓީމް ވަނީ ވާދަ ކޮށްފައެވެ.