ދުންފަތުގެ ވަބާގައި ގިނަ އަންހެނުން ޖެއްސުމަށް ދުންފަތް ވިއްކާ ފަރާތްތަކުގެ އަމާޒު ހިފައިފައި ވާތީ އެކަމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު "ސަން"އަށް ވިދާޅުވީ ގިނަ އަންހެނުން ދުންފަތުގައި ޖެއްސުމަށް މަސައްކަތް ކުރަމުންދާތައް ފާހަގަ ކުރެވޭ ކަމަށާއި އަންހެނުން އެ ބަވާގައި ޖެއްސުމުގެ މަގުސަދަކީ އެ މީހުންގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް ކަމަށެވެ.

"މިހާރު ވިސްނަމާ ހިނގާ ސިނގިރޭޓް ފޮއްޓަކަށް ބަލާނަމަ ވެސް އަންހެނުން ޝައުގުވެރިވާ ގޮތްގޮތަށް ކުލަކުލާގަ އުފެއްދުމާއި، އިސްތިހާރުތައް ވެސް އަންހެންނުނަށް ހާއްސަކޮށްގެން އެފަދަ އެތައް ކަމެއް ކޮށްގެން އަންހެނުން އެކަމުގައި ޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ،" ހަސަން މުހައްމަދު ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ދުންފަތް ވިއްކާ މީހުން އަންހެނުންނަށް އަމާޒް ހިފުމަކީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށެވެ. ސަބަބަކީ ދަރިން ތަރުބިއްޔަތު ކުރުމާއި ހަރުދަނާ އާއިލާއެއް ބިނާކުރުމުގައި އިސްރޯލެއް އަދާކުރާ ބަޔަކު ދުންފަތުގައި ޖެހުމަކީ އެ ވަބާ ފެތުރުމަށް މެދުވެރިވާ މުހިއްމު ސަބަބެއް ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އަންހެނުންނަށް އެކަން ޓާގެޓް ކުރުމުގެ އަސްލަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކޮފީ މޭޒްތަކުން ވެސް އަންހެނުން ދުންފަތުގެ އިސްތިއުމާލް ކުރާ މިންވަރު އިތުރުކަން ފާހަގަކުރެވޭއިރު އެއީ ސިއްހަތައް ބެލި ނަމަވެސް އަންހެނުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް ދަރިމައިވުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާއިރު ދަރިންނަށް ވެސް އޭގެ އަސަރު ކުރާތީ އެކަމުގެ ބިރުވެރިކަން ބޮޑު ކަމަށް ވިދާޅުވި އެވެ.