18 Aug 2013, 12:03
އަވަށްޓެރި ކަޒަކިސްތާނުން ކިރުގިސްތާނަށް ރާ އެތެރެކުރިން ބޭނުންކުރަމުން އައި ޕައިޕްލައިނެއް ހޯދާފައިވާ ކަމަށް ކިރުގިސްތާނުގެ ބޯޑާ އެންޑް ކަސްޓަމްސްއިން ބުނެފި އެވެ.
"އަލްކަހޯލް ޕައިޕްލައިން" އެއްގެ ގޮތުގައި ކިރުގިސްތާނުގެ އޮފިޝަލުން ސިފަކޮށްފައިވާ މިޕައިޕަލްއިން ފެނިފައި ވަނީ އެގައުމާއި ކަޒަކިސްތާނާ ދެމެދު އޮންނަ ކޯރެއް ކަމަށް ރިވާ ޝޫ ހިމެނޭ ސަރަހައްދުން ކަމަށް މައުލޫމާތު ލިބެ އެވެ.
މިޕައިޕްލައިން ދަތުރުކުރަނީ ރިވާ ޝޫގެ އަޑިން ކަޒަކިސްތާނުން ކިރުގިސްތާނަށް ކަމަށް އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން ބުނެ އެވެ.
ކިރުގިސްތާނުގެ ސަރަހައްދީ ރޮނގުގައި ހިމެނޭ ޗެކްޕޮއިންޓަކާ ދެ ކިލޯމީޓަރު ދުރުން ފެނިފައިވާ މިޕައިޕްލައިން މެދުވެރިކަން އެތައް ހާސް ލީޓަރެއްގެ ރަލުގެ ބާވަތްތައް ކަޒަކިސްތާނުން ކިރުގިސްތާނަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ކިރުގިސްތާނުގެ މީޑިއާތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަޒަކިސްތާނަކީ ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން އުފައްދާ އެއް ގައުމު ކަމަށް ވުމުން ގޮވާން ބޭނުންކޮށްގެން އުފައްދާ ރަލުގެ ބާވަތްތައް ކަޒަކިސްތާނުގައި ވަރަށް އަގުހެޔޮ އެވެ.
ކުރިން ރަލުގެ ބާވަތްތައް ކަޒަކިސްތާނުގެ އަވަށްޓެރި ގައުމުތަކަށް ވެސް އެގައުމާ ދާދި އެއް އަގެއްގައި ލިބުނު ނަމަވެސް ކަޒަކިސްތާނުން ބެލަރުސް އަދި ރަޝިޔާއާ އެކު ކަސްޓަމްސް ޔޫނިއަން މުއާހަދާއެއްގައި ސޮއިކުރުމުން ކަޒަކިސްތާނުން ބޭރުކުރާ ރަލުގެ އަގު ވަނީ ބޮޑުވެފަ އެވެ.
ްއެ ޕައިޕްލައިނަކީ 2008 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ޕައިޕްލައިނެއް ކަމަށް ކިރުގިސްތާނުގެ ފުލުހުން ބުނެ އެވެ.
އަދި މިމުއްދަތުގައި 100 ޓަނުގެ ރަލުގެ ބާވަތްތައް ކިރުގިސްތާނަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ކިރުގިސްތާނުގެ ކަސްޓަމްސް އޮފިޝަލުން ބުނީ ރާ ވަގަށް އެތެރެކުރަން ބޭނުންކުރި "އަލްކަހޯލް ޕައިޕްލައިން"ގެ ފަހަތުގައިވާ ބަޔަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިމައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށެވެ.
މީގެ ކުރިން މިސަރަހައްދާ މާދުރު ނޫން ހިސާބެއްގައި ވަގަށް ކަޒަކިސްތާނުން ކިރުގިސްތާނަށް ތެޔޮ އެތެރެކުރަން ބޭނުންކުރި ޕައިޕްލައިނެއް ވެސް ވަނީ ކަސްޓަމްސްއިން ހޯދާފަ އެވެ. މިޕައިޕްލައިންގައި ޕެޓްރޯލް އަދި ޑީޒަލް ފަދަ ތެލުގެ ބާވަތްތައް ކިރުގިސްތާނަށް ވަގަށް އެތެރެކޮށްފައިވެ އެވެ.
ކަޒަކިސްތާނަކީ ތެޔޮ އުފައްދާ ގައުމެއް ކަމުން އެގައުމުގައި ތެލުގެ އަގުވެސް އުޅެނީ ދަށުގަ އެވެ.