މިސްރުގެ ވަގުތީ ސަރުކާރުން މިހާރު ހިންގަމުން ދަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތޮއްޔިބު އަރުދުޣާން ވިދާޅުވެއްޖެ އެވެ.

މިސްރު މީހުން އެދެމުން ދަނީ އެމީހުން ލީ ވޯޓަށް އިހުތިރާމް ކުރުމަށް ކަމަށް ވިދާޅުވެ، މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް މިސްރު ސަރުކާރުން ހިންގާ ކަންތައްތަކަކީ ޓެރަރިޒަމްގެ ގޮތުގައި އަރުދުޣާން ދިފަކުރެއްވި ކަމަށް ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނޫހުން ބުންޏެވެ.

"މީހުން ދަނީ ބުނަމުން، އަހަރެމެންގެ ވޯޓަށް އިހުތިރާމް ކުރާށޭ އަހަރެމެން އެދެނީ، އެކަމަކު އެމީހުންނާ ދިމާއަށް ޓެރަރިސްޓުންނޭ ގޮވާ ބަޔަކު އެބަތިބި، އެކަމަކު އަހަރެން ބުނާނީ ދައުލަތުން ހިންގާ ޓެރަރިޒަމް މިހާރު މިސްރުގައި ކުރިއަށްދާ ކަމަށް،" އަރުދުޣާން ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ މިސްރާއި ސޫރިޔާގައި މިސްކިތްތައް އަންދަމުންދާ ކަމަށާއި މިސްރު ސިފައިންގެ ވެރިޔާ ޖެނެރަލް އަބުދުލް ފައްތާޙު އަލް ސީސީއާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަކީ އަނިޔާވެރި ކަމުގައި އެއް ކަހަލަ ދެބޭފުޅުން ކަމަށެވެ.

"އަލް ފަތުހު މިސްކިތް ވަނީ ހިސާރުކޮށްފައި، މީހުން އަޅުކަން ކުރާ ތަނުގެ ކުށެއް ނެތް، މިސްރާއީ ސޫރިޔާގައި އެމީހުން ވަނީ އަހަރެމެންގެ މިސްކިތްތައް އަންދައި ހަލާކުކޮށްފައި، އެއީ ބައްޝާރު ކަމަށް ވިޔަސް ސީސީ ކަމަށް ވިޔަސް، އެ ދެ މީހުންގެ ދެމެދުގައި ތަފާތެއް ނެތް،" ގާހިރާގެ އަލް ފަތުހު މިސްކިތަށް މިސްރު ސިފައިން ހަމަލާ ދިން ހާދިސާއަށް އިޝާރާތް ކުރައްވައި އަރުދުޣާން ވިދާޅުވެފައިވެ އެވެ.

އަރުދުޣާން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ތުރުކީގެ ހުޅަނގު އުތުރުގައިވާ ބަރްސާ ޕްރޮވިންސްގައި އިއްޔެ ފެށި އިމާރާތްކޮށް، އާކުރުމުގެ މަޝްރޫއެއް ފެށުމުގެ ރަސްމިއްޔާތުގަ އެވެ.

މިސްރު ސިފައިން ކުރި ބަޣާވާތެއްގައި އެގައުމުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ ވެރިކަމުން ދުރުކޮށް، އޭނާ ވަގަށް ނަގާފައި ވާތީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ވަދެ ތިބި ގާހިރާގެ އަލް ފަތުހު މިސްކިތް މިސްރު ސިފައިން އިއްޔެ ހުސްކުރިއެވެ. އަލްޖަޒީރާ ބުނީ ސިފައިން އެމިސްކިތަށް ވަދެގަތީ ސިފައިންނަށް ތާއީދުކުރާ ގުންޑާއިންނާ އެކުގައި ކަމަށެވެ. އެގޮތުން ސިފައިން ވަދެ، މިސްކިތުގައި ތިބި މީހުން ގަދަކަމުން ބޭރަށް ނެރުމުން ބޭރުގައި ތިބި ގުންޑާއިން އެމީހުންނަށް އަނިޔާ ކުރި ކަމަށް އެ އެޖެންސީން ބުންޏެވެ.

މިސްރު ސިފައިން ބުނެފައި ވަނީ މިސްކިތަށް ބަޑިން ހަމަލާ ދިނީ މިސްކިތުގެ މުންނާރުތަކުން ސިފައިންނާ ދިމާއަށް ބަޑިޖަހަން ފެށުމުން ކަމަށެވެ. ނަމަވެސް މުޒާހަރާގައި އިސްކޮށް އުޅޭ އިޚުވާނުލް މުސްލިމީން ޖަމާއަތުން އެކަން ދޮގުކުރެ އެވެ. އެމީހުން ބުނި ކަމަށް އަލް ޖަޒީރާ ބުނީ މިސްކިތުގެ މުންނާރު ތަކަކީ މިސްކިތުގެ އެތެރެއިން ވަދެވޭ ގޮތަށް ހުރި މުންނާރުތަކެއް ނޫން ކަމަށެވެ. މިސްރު ސިފައިން އިއްޔެ މިސްކިތް ހުސްކުރި އިރު ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން އެތަނުގައި 700 އަށް ވުރެ ގިނަމީހުން ތިއްބި ކަމަށް އެ އެޖެންސީން ބުންޏެވެ.