ރައްުޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހ. ލޮބީ ހުސައިން ހުމާމުގެ ބަޔާން ނެގުމުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ހުމާމުގެ ބަޔާން ފުލުހުން ނަގާފައި ވަނީ މަޖުބޫރުކޮށްގެން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުމާމް ބުނެފައި ވާތީ އެކަމަށް އަލިއަޅުވާލައްވައި ފުލުހުންގެ މީޑިއާ މެދުވެރިކޮށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ ތަޙުގީގުގައި އޭނާ ބަޔާން ދީފައިވާ ވީޑިއޯ ކޯޓަށް ހުށަހެޅުމުން އޭނާ އެ ބަޔާން ދިނީ ކޮން ގޮތަކަށް ކިހިނެއް ހުރެގެން ކަން ސާފުކޮށް އެނގިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ގެންނަ މީސްމީހުންނާ މުއާމަލާތްކުރަނީ އިހުތިރާމާ އެކު ކަމަށާއި އެމީހުންނާ ސުވާލުކުރާ އިރު ބޭނުންވެއްޖެ ހާލަތެއްގައި ގާނޫނީ ވަކީލެއްގެ ހާޒިރުގައި ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބިދެވޭ ކަމަށެވެ.

"އޭނާ (ހުމާމް) ބޭނުންވާ ހުރިހާ ވާހަކައެއް ކޯޓުގައި ދައްކާ، އެހެންވެ ފުލުހުންގެ މުއައްސަސާ ބަދުނާމުވާނޭ ކިޔާފައި ވާހަކައެއް ނުދައްކާ ހުންނާނެ [ކަމަކަށް] އަޅުގަނޑު ގަބޫލެއް ނުކުރަން. ވަރަށް ރަނގަޅަށް ވަރަށް ބޮޑަށް ބެލެހެއްޓިގެން ހިނގައި ދިޔަ ތަހުގީގެއް އެ މައްސަލައަކީ. ހުމާމް ދައްކަން އުޅެންޔާ ދައްކާނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް،" ހުމާމަށް ފުލުހުން ބިރު ދައްކާފައިވާ ކަަމަށް ބުނެ ކޯޓުގައި ބުނެފައިވާ ވާހަކައަށް އަލިއަޅުއްވާލައްވާ ރިޔާޒު ވިދާޅުވި އެވެ.

އެ މައްސަލާގައި ހުމާމް ޝަރީއަތުގައި ކުށަށް އިއުތިރާފުވުމަށް ފަހު އަލުން ރުޖޫއަވި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ތަހުގީގަށް އެއްކުރެވިފައިވާ ކަމަށާއި އެމައްސަލަ ކޯޓުގައި ސާބިތުކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އެގޮތުން އެމައްސަލަ ސާބިތުކުރުމަށް ބޭނުންވާ ޑީއެންއޭ އެވިޑެންސް އާއި ވީޑިއޯ އެވިޑެންސްގެ އިތުރުން އޭނާއާ ދެކޮޅަށް އެކަކަށް ވުރެ ގިނަ ހެކިންގެ ހެކިބަސް ލިބިފައިވާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

"މިހާ ބޮޑު މައްސަލައެއް ވީމަ ވަރަށް ބޮޑަށް ބަލަން ޖެހޭ، އެހެންވެ އަޅުގަނޑު ނުދެކެން މިމައްސަލަ ޝަރީއަތަށް ވެއްދުމަށް ފަހު ޝަރުއީ މަރުހަލާގައި ހިނގާލެއް ލަހެކޭ، ދުނިޔޭގެ އެހެން ގަައުމުތަކުގައި ވެސް މިފަދަ މައްސަލަތަކުގެ ޝަރީއަތް ކުރިއަށްދާއިރު ވަގުތު ނަގާ،" ރިޔާޒު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހުމާމުގެ ޝަރީއަތެއް މިހަފްތާ ތެރޭގައި ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެސެޝަންތަކުގައި ވެސް އެ މައްސަލައާ ގުޅިގެން ފުލުހުން ހުށަހަޅަން ހުރި އިތުރު ހެއްކާއި ގަރީނާތައް ހުށަހަޅުއްވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.