ސުވާންސީ ސިޓީ ކޮޅަށް ރޮބިން ވެން ޕާސީ ޖަހައިދިން ދެ ލަނޑާއި ޑެނިއެލް ވެލްބެކް ކާމިޔާބު ކޮށްދިން ދެ ލަނޑާ އެކު 4-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު ޑޭވިޑް މޮއެސް، ޔުނައިޓެޑާ އެކު ލީގު ފެށުން ރަނގަޅުކޮށްފި އެވެ.

މިދިޔަ އަހަރު ޔުނައިޓެޑަށް ލީގު ޗެމްޕިއަން ކަން ހޯދައި ދިނުމަށްފަހު 26 އަހަރު ދުވަސް ވަންދެން ޔުނައިޓެޑް ބައްޓަން ކުރަމުން ގެންދިޔަ ކާމިޔާބު ކޯޗު ސާ އެލެލްސް ފާގަސަން ކޯޗުކަމުން ވަކިވެ މޮއެސްއާ ޔުނައިޓެޑް ހަވާލުކުރީ ޔުނައިޓެޑްގެ ކާމިޔާބުތައް ދިފާއު ކުރުމުގެ ބޮޑު ޒިންމާއާ އެކު އެވެ.

ޔުނައިޓެޑްގެ ފުރަތަމަ ގޯލް މެޗުގެ 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވެންޕާސީ އެވެ. އޭގެ ދެ މިނިޓްފަހުން ލަނޑެއް ކާމިޔާބުކޮށް ވެލްބެކް ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފަ އެވެ.

ޔުނައިޓެޑްގެ ތިންވަނަ ލަނޑު ވެން ޕާސީ ކާމިޔާބުކުރީ، ޓްރާންފާ މައްސަލައިގައި ހިތްހަމަ ނުޖެހި ހުރި، ޔުނައިޓެގެ އިންގްލެންޑް ސްޓްރައިކާ ވޭން ރޫނީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ރޫނީ މެޗަށް ނުކުތީ 62 ވަނަ މިނިޓުގައި ރިޔާން ގިގްސްގެ ބަދަލުގަ އެވެ. ރޭގެ މެޗުގައި ރޫނީ ކުޅުނު 30 ވަރަކަށް މިނިޓް ތެރޭގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ކުޅުމެއް ފެނިފައިވާއިރު ޔުނައިޓެޑް ފަހުން ކާމިޔާބު ކުރި ދެލަނޑުވެސް ޖަހާފައި ވަނީ އޭނާ ތަނަވަސްކޮށްދިން ފުރުސަތުންނެވެ.

ސުވާންސީގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެޓީމް ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، ޕަބްލޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ވިލްފްރެޑް ބޯނީ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑް ކާމިޔާބުކުރި ފަހު ލަނޑު ރޫނީގެ އެހީތެރިކަމާއެކު ވެލްބެކް ކާމިޔާބުކުރީ މެޗުގެ މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގަ އެވެ.

ރޭގެ މެޗަށްފަހު ސުވަންސީގެ ކޯޗު މައިކަލް ލައުޑްރަޕް ބުނީ، މެޗުގެ ފުރަތަމަ ހާފްގައި އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އަދި ޔުނައިޓެޑް ކަހަލަ ވަރުގަދަ ޓީމަކާއެއްކޮށް ކުޅޭއިރު އިދިކޮޅުޓީމުން ލީޑު ފުޅާކުރުމުގެ ފުރުސަތު ދެވިއްޖެ ނަމަ އެޓީމެއް އަތުން މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ބުނީ، ސުވަންސީ ފަދަ ޓީމަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އޭނާގެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ.