18 Aug 2013, 11:46
ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ، މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައި ވާތީ ޖުޑިޝަލް ސާވިސް ކޮމިޝަނާ ދެކޮޅަށް އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަައިގެ އަޑުއެހުމެއް މިއަދަށް ޝެޑިއުލްކޮށްފައި ވަނިކޮށް އޭނާގެ ވަކީލު ހާޒިރު ނުވުމުން މައްސަލަ ބާތިލުކޮށްފި އެވެ.
ޝަރީފާ ދެކޮޅަށް ހައިކޯޓުގެ ހަތް ފަނޑިޔާރަކު ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާތީ ކަމަށް ބުނެ ޝަރީފު ސަސްޕެންޑް ކޮށްފައިވާ މައްސަލަ ސިވިލް ކޯޓުން މިއަދު ވެސް ބާތިލުކޮށްފައި ވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަށް، މަގުބޫލު އުޒުރެއް ނެތި ސުއޫދު ހާޒިރުވެފައި ނުވާތީ ކަމަށް ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޝަރީފްގެ ފަރާތުން މީހަކު ކޯޓަށް ހާޒިރު ނުވެގެން މީގެ ކުރިން ވެސް އެ މައްސަލަ ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދަނިކޮށް މިއަދު މައްސަލަ ބާތިލު ކުރީ މިއަދު ހެނދުނު 10:00ގައި ތާވަލުކޮށްފައިވާ ޝަރީއަތުގެ މަޖިލީހަށް ސޫދު ހާޒިރުވެވަޑައިނުގަތުމުންނެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ސަސްޕެންޑް ކުރުމަށް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ނިންމީ އޭނާ ހައިކޯޓު ހިންގަވާ ގޮތާ މެދު އެ ކޯޓުގެ ހަތް ފަނޑިޔާރަކު މިދިޔަ އަހަރުގެ މެއި މަހު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. ޝަރީފު ސަސްޕެންޑް ކުރުމަށް ފާސްކުރި ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ވަނީ އެކޮމިޝަނުގެ ދިހަ މެންބަރުންގެ ތެރެއިން ހަތް މެންބަރެކެވެ. އޭގެ ތެރެއިން ޝަރީފު ސަސްޕެންޑް ކުރުމަށް ފާސްކުރުމަށް ތިން މެންބަރުން ވޯޓު ދެއްވި އިރު ސަސްޕެންޑް ކުރުމަށް ނުފެންނަ ކަމަށް ދެ ބޭފުޅަކު އަދި ވަކި ގޮތަކަށް ވޯޓު ނުދެެއްވާ އެއް ބޭފުޅަކު އިންނެވި ކަމަށް ވެސް އާދަމް މުހައްމަދު ކުުރިން ވިދާޅުވި އެވެ.