18 Aug 2013, 11:28
ޗައިނާގައި މެރުމަށް ހުކުމްކޮށްފައިވާ ގައިދީންގެ ގުނަވަންތައް ނެގުމަށްފަހު، އެގުނަވަންތައް ބޭނުންވާ އެހެން މީހުންނަށް ހަދިޔާ ކުރުން އްޓާލާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ޗައިނާގެ އިސް އޮފިޝަލެއް ކަމަށްވާ ހުއަންގު ޖީފޫ ވިދާޅުވީ އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ނެތި ގުނަވަން ނެގުމުގެ މަސައްކަތް ހުއްޓާލަން ހަމަޖެހިފައިވާ ކަމަށާއި މިކަން ކުރާނެ އާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އާ ނިޒާމުގެ ދަށުން ގުނަވަންތައް ނެނގޭނީ މެރުމަށް ހުކުމްކޮށްފައިވާ ކުށްވެރީންގެ ތެރެއިން ގުނަވަން ހަދިޔާކުރުމަށް އަމިއްލައަށް ވޮލަންޓިއާކުރާ ކުށްވެރީންގެ ގައިން ކަމަށާއި މިއީ ޗައިނާގެ އާ "ނެޝަނަލް އޯގަން ޑޯނާ ސިސްޓަމް"ގެ ތެރެއިން ހިންގޭނެ އޮޕަރޭޝަނެއް ކަމަށް އެ ގައުމުން ބުންޏެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާގައި ކުރެވޭ އޯގަން ޓްރާންސްޕްލާންޓުތަކުގެ ތެރެއިން ތިން ބައި ކުޅަ ދެބައި ޓްރާންސްޕްލާންޓުތަކުގައި ގުނަވަންތައް ހޯދާފައި ވަނީ މަރަށް ހުކުމް ކުރާ ގައިދީންގެ ގައިންނެވެ.
ޗައިނާގައި އޮންނަ ނިޒާމުގެ ދަށުން މެރުމަށް ހުކުމްކުރާ މީހާ އެކަމަށް އެދުނަސް، ނޭދުނަސް، އެމީހުންގެ ގުނަވަންތައް ނަގާ، އެބޭނުންވާ އެހެން ފަރާތްތަކަށް ޓްރާންސްޕްލާންޓް ކުރުމަށް ދިނުމުގެ ބާރު އެ ގައުމަށް ލިބިގެންވެ އެވެ.
އެތައް އަހަރެއް ވަންދެން ޗައިނާގައި މެރުމަށް ހުކުމްކޮށްފައިވާ މީހުންގެ ގުނަވަންތައް ޓްރާންސްޕްލާންޓަށް ނެގުމުގެ މަސައްކަތް ޗައިނާއިން ކުރި ނަމަވެސް، އެގައުމުގެ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޗައިނާއިން މިކަމަށް އެއްބަސްވެފައި ވަނީ 2008 ގަ އެވެ.
ޗައިނާއިން އަހަރަކު އެތައް ހާސް ކުށްވެރިންނަށް މަރުގެ އަދަބު ދޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕްތަކުން ލަފާ ކުރި ނަމަވެސް، މަރުގެ އަދަބު ދެވޭ މީހުންގެ ހަގީގީ އަދަދަކީ ޗައިނާއިން ސިއްރުކޮށްފައިވާ އަދަދުތަކެކެވެ.
ޒިންހުއާއިން ބުނި ގޮތުގައި ޗައިނާގައި އަހަރަކު 300،000 މީހުން އޯގަން ޓްރާންސްޕްލާންޓް ހަދަން ޖެހޭ އިރު، ބޭނުންވާ އޯގަން ލިބެނީ އެންމެ 10،000 މީހުންނަށެވެ.