އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތަކުން އިންތިހާބު "ބަޔަކު ވަގަން ނުނަގައިފިއްޔާ" ޕީޕީއެމް "ޔަގީނުން ވެސް" ދެ ވަނަ ބުރަށް ގޮސްފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ޖަގަހަ މާލޭގައި ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުގައި ޖަމީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ 90 އަށް ވުރެ ގިނަ ރަށްތަކަށް އޭނާ އަށް ދަތުރު ކުރެވިއްޖެ ކަމަށާއި ރަށްތަކަށް ކުރެއްވި ދަތުރުން އެނގިގެންދިޔައީ އިންތިހާބުގައި "ވޯޓަކަށް އޮތީ ޕީޕީއެމްގެ ވޯޓު"ކަމަށެވެ. ޕީޕީއެމްގެ މެންބަރުން އިތުރު ހިތްވަރެއްކޮށްފި ނަމަ އިންތިހާބު ފުރަތަމަ ބުރުން ވެސް ކާމިޔާބު ކުރެވިދާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވަނީ އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތަކުން މި އިންތިހާބު ބަޔަކު ވަގަށް ނުނަގައިފި ކަމުގައިވަންޏާ ހަމަ ޔަގީނުން ވެސް އެނގޭ އެއްޗަކީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް މިހާރު ވެސް އޮތީ ގޮސްފައި އިރާދަ ކުރެއްވިއްޔާ،" ފުވައްލުމަކު ދާއިރާގެ މަޖިލިސް މެންބަރުން ހާޒިރުވި ބައްދަލުވުމުގައި ޖަމީލު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި މަކަރު ހެދުމަށް ފުޅާ ދާއިރާއެއްގައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި ޖަމީލު ވިދާޅުވީ އެކެއްގެ ނަމުގައި ދެފަހަރަށް ވޯޓުލުމަށް ޓަކައި "ރޭވުންތަކެއް" ބަޔަކު ރާވަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ޖަމީލު ވިދާޅެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވީ އޭނާއަކީ "ސޭޓެއް" ކަމަށާއި "ސޭޓަކަށް ގައުމު ވިއްކާލައިފިއްޔާ އުޅެންޖެހޭނީ އަޅުވެތިކަމުގައި" ކަމަށެވެ. އަތޮޅު ތެރޭގައި ޕާޓީތަކުން ހަދާފައިވާ ޖަގަހަތައް ޖުމްހޫރީ ޕާޓީން ގަންނަމުންދާ ކަމަށް އިޝާރާތްކޮށް ޖަމީލު ވިދާޅުވީ "ބޭނުންހާ ވަރަކަށް ހަރަދު ކުރާނެ" އާދަމުގެ ދަރިޔަކު ނުހުންނާނެ ކަމަށާއި ހަމައެކަނި ތަނަވަސްކަމެއް ކުރި މީހެއްގެ އަތަަށް ވެރިކަން ހަވާލު ގައުމު ނުހިންގޭނެ ކަމަށެވެ.

"މިގޮތަކަށް ވިއްކާލާވަރުގެ އެއްޗެއް ނޫނޭ މިއީ. އެއް ފަހަރު އަޅުގަނޑުމެން ތަހަންމަލުކޮށްފީމޭ. މިފަހަރު މިހެން ގޮއްސަ ސޭޓަކަށް މުޅި ގައުމު ވިއްކާފިއްޔާ ދެން އުޅެންޖެހޭނީ އަޅުވެތިކަމުގައި. އަބަދަކު ނުހުންނާނެ މިހިސާބަށް 'އަނެކެތި' ކުރެވޭ ވަރުގެ،" ޑރ. ޖަމީލު ވިދާޅުވި އެވެ. "ގައުމެއް ހިންގުމަކީ ސަމާސާއެއް ނޫން. ގައުމެއް ހިންގުމަކީ ސަމާސާއެއް ނޫންކަން އެނގިގެން ދަނީ އެއަށްވުރެ ކިޔަވައިގެން ހުރި އެކަމަކު މަގުމަތީގައި ދުވެފަ އުޅުނު މީހަކު ގެނައީމާ ފެނުނު ހާލު އެނގިއްޖެ. ފަސް އަހަރު ހިފަހައްޓާ ނުލެވުނު. އަޅުގަނޑުމެން އެބަ އޮތް ސާބިތުކަމެއް. އަޅުގަނޑުމެން 30 އަހަރު ވަންދެން މިތިބީ ވެރިކަންކޮށްފައި. އަޅުގަނޑުމެންނާ ހަވާލުކޮށްބަލަ. އަޅުގަނޑުމެން ދޫކޮށްފައި ފުންމާނުލާނަމޭ،"

ޖުމްހޫރީ ގުޅުމުގެ ހަތަރު ޕާޓީގެ ތެރެއިން އަދާލަތު ޕާޓީގެ އިލްމުވެރިންނަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވި ހެޔޮ ބަސް ބުނާ މީހުން ވެސް މިއަދު އުޅެނީ "މީހުން ގަތުމުގައި" ކަމަށެވެ. ފައިސާ އަށް މީހުން ގަތުމަކީ ބަލިމަޑުކަމެއް ކަމަށާއި ކީރިތި ރަސޫލާ މުހައްމަދުގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅުތައް ހަނދާން ވެސް ނެތް ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ރިޝްވަތުދޭ މީހާއާއި ރިޝްވަތު ހިފާ މީހުންނަކީ ނަރަކައިގެ އަހުލުވެރިންނެވެ. މިއަދުގެ އެ ހަދީސް ހަނދާން ހުރިހެނެއް ވެސް ހިއެއް ނުވޭ އެޔޮބަސް ބުނާ މީހުން ވެސް. އެ މީހުން ވެސް އުޅެނީ ކާކުތޯ ގަނެވޭނީ ބަލަން. ކޮބައިތޯ ވިކޭނެ މީހަކީ،" ޑރ. ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްއާ އެކު އެމްޑީއޭ އިން ކޯލިޝަން ހެދުމުން އިތުރު 15،000 އަށް ވުރެ ގިނަ ވޯޓު ޕީޕީއެމް އަށް ކަށަވަރުވެއްޖެ ކަމަށެވެ.