18 Aug 2013, 10:20
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަކަށް ހަމަޖައްސަވާފައި ވަނީ ދ. ކުޑަހުވަދޫ ބޮޑުގޭ ފާރޫގު މުހައްމަދު ހަސަން ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަގާމަށް ފާރޫގު ހަމަޖައްސަވާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޕީޕީއެމްގެ މެމްބަރު މުހައްމަދު ނިމާލް ވަކި ކުރެއްވުމަށް ފަހު އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު އަމްޖަދު ވިދާޅުވެފައި ވަނީ ނިމާލް މަގާމުން ވަކި ކުރީ، މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކުންފުނީގެ ވަޒީފާތަކަށް މީހުން ވައްދާ ކަމުގެ ޝަކުވާ ލިބިގެން ކަމަށެވެ.