އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން އެސްޓަން ވިލާއާ ވާދަކޮށް 3-1 އިން އަމިއްލަ ދަނޑުގައި ބަލިވެއްޖެ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ލަނޑެއް ކާމިޔާބު ކޮށް ކުރިހޯދާފައި ވަނިކޮށް އެސްޓަން ވިލާ ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހާފަ އަރައި ތިން ލަނޑު ޖަހާފަ އެވެ.

ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ލީގު ހުޅުވި މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ އާސެނަލް ބަލިވި މިއީ ފުރަތަމަ ފަހަރެވެ. އަދި ލީގުގައި އެސްޓަން ވިލާއަށް އާސެނަލްގެ ދަނޑުގައި އެޓީމު އަތުން މޮޅުވެވުނު ތިންވަނަ ފަހަރު އެވެ.

މެޗު ފެށިގެން ހަ ވަނަ މިނިޓުގައި އާސެނަލްއަށް ކުރި ހޯދައިދިނީ އޮލިވިއާ ޖިރޫޑް އެވެ. އެހެން ނަމަވެސް މެޗުގެ 22 ވަނަ މިނިޓުގައި ވިލާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓިއަން ބެންޓެކޭ އެވެ.

އެސްޓަން ވިލާގެ ދެވަނަ ލަނޑުވެސް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ބެންޓެކޭ އެވެ. އާސެނަލްގެ ލޮރެންޓް ކޮސީލްނީ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދެއްކުމަށް ފަހު ވިލާއަށް ޕެނަލްޓީ ދީފައިވާ އިރު އޭގެ ފަސް މިނިޓް ފަހުން ކޮސިލްނީއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ފަހު ހާފުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކު ކުޅެމުން އައި އާސެނަލްގެ ގޯލަށް ތިންވަނަ ލަނޑު ވައްދައިލީ 85 ވަނަ މިނިޓުގައި އެންޓޯނިއޯ ލޫނާ އެވެ.

މެޗު ނިމުމާއެކު އާސެނަލްގެ ސަޕޯޓަރުން ވަނީ، ކްލަބް ވަރުގަދަކުރުމަށް އިތުރު ކުޅުންތެރިން ހޯދުމަށް މެނޭޖްމަންޓަށް ގޮވާލާފަ އެވެ.

މިސީޒަންއަށް އާސެނަލްއަށް މިހާތަނަށް އެންމެ ކުޅުންތެރިއަކު ހޯދާފައިވާއިރު ކޯޗު އާސީން ވެންގާއަށް ސްކޮޑް ވަރުގަދަ ކުރުމަށް ބާކީ އޮތީ 16 ވަރަކަށް ދުވަހެވެ. ހިލޭ ޓްރާންފާއެއްގެ ދަށުން އާސެނަލްއަށް މި ހިނގާ ޓްރާންފާގައި ގެނެސްފައިވަނީ، ފްރާންސްގެ ޒުވާން ފޯވަޑް އުމުރުން 20 އަހަރުގެ ޔާޔާ ސަނޯގޯ އެވެ.

އެސްޓަން ވިލާގެ ކޯޗު ޕައުލް ލަމްބާޓް އޭނާގެ ކުޅުންތެރިންނާއި ޓީމުގެ ފަރާތުން ފެނިގެން ދިޔަ ހިތްވަރާއި މޮޅުކުޅުމަށް ވަނީ ތައުރީފް ކޮށްފަ އެވެ.

"އަހަރެން އެކުޅުންތެރިންނާ ދޭތެރޭ ފަހުރުވެރިވޭ. ކުޅުންތެރިންނަށް ތައުރީފް ހައްގު. ޓީމުގެ ކުރިއަށް ކުޅެން ތިބި ތިން ކުޅުންތެރިންނަކީ ކޮންމެ ޓީމަކުންވެސް ބޭނުން ވާނޭ ފަދަ މޮޅު ކުޅުންތެރިން ތަކެއް. ޒުވާން މި ޓީމަކީ ރަނގަޅު މުސްތަގުބަލެއް އޮތް ޓީމެއް،" ވިލާ ކޯޗް ބުންޏެވެ.

ލަމްބާޓް އޭނާގެ ކުޅުންތެރިންނަށް ތައުރީފް ކޮށްފައިވާއިރު އާސެނަލްގެ ކޯޗު ވަނީ މެޗަށްފަހު ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.

"އަހަރެން އެންމެ ބޮޑަށް ހިތްދަތިވާ ކަމަކީ މި ކްލަބް ދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށް އުފާ ހޯދައި ނުދެވޭތީ،" ވެންގާ ބުންޏެވެ. "އަހަރެން މިތާ މިހިރީ އެމީހުން އުފާކޮށްދޭން، އެހެން ނަމަވެސް އެކަން ކޮށް ނުދެވުނީމަ އަހަރެން ޖެހޭނީ މާފަށް އެދެން. އަދި ކުރިއަށް އޮތް މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެދޭން މަސައްކަތް ކުރުން."

ލީގުގައި އާސެނަލް ދެން ކުޅެން އޮތް މެޗުގައި ވާދަކުރާނީ މިމަހު 24 ވަނަ ދުވަހު ފުލަމްއާ އެވެ. އެ މެޗުގެ ކުރިން މިއަންނަ ބުދަ ދުވަހުގެރޭ، ޗެމްޕިއަންސް ލީގު ޕްލޭއޮފް ފުރަތަމަ ލެގުގައި ތުރުކީގެ ފެނަބާޗޭއާ ދެކޮޅަށް އާސެނަލް ކުޅެން ޖެހޭނެ އެވެ.