15 Nov 2010, 09:15
އަސްލު ވަޒަނާއި ބަރުހަތިޔާރު ބޭނުންކޮށްގެން ސިފައިން ބޭއްވި އެންމެ ބޮޑު ހަރަކާތަކީ ކުޑަ ހަރަދެއް ކޮށްގެން ބޭއްވި ހަރަކާތެއް ކަމަށް ސިފައިން ބުނެފި އެވެ.
ސިފައިންގެ މީޑިއާ އޮފިސަރު ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ޖުމްހޫރީ ދުވަސް ދުވަހު ސިފައިން ދައްކާލާ ހަރަކާތްތަކަކީ ވީހާ ވެސް ކުޑަ ހަރަދެއް ކޮށްގެން ބޭއްވޭ ކަންތައްތަކަކަށް ހެދުމަށް ސިފައިން އަބަދު ވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި މި އަހަރު ޖުމްހޫރީ ދުވަހު ބޭއްވި ހަރަކާތަކީ ވެސް ކުޑަ ހަރަދެއްކޮށްގެން ބޭއްވި ހަރަކާތެއް ކަމަށް އޭނޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހެން ކުރާ ކަންތައްތަކަކީ މާބޮޑު ހަރަދުތަކެއް ގޮސްގެން ކުރާކަންތައްތަކެއް ނޫން. އަޅުގަނޑަށް އިނގޭ ގޮތުގައި ބޭނުން ކުރަނީ ބާފިލަޔާއި ޓްރޭނިން ތަކުގައި ބޭނުންކޮށްފައި ހުންނަ ގޯނި ކަހަލަ އެއްޗެހި،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަހު ސިފައިން ދައްކާލި ހަރަކާތްތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ރާއްޖޭގައި މިވަގު ނޫޅުއްވުމުގެ ސަބަބުން ހަރަދުވީ ކިހާ އަދަދެއްގެ ފައިސާ ކަން ވިދާޅުވާން ދަތިކަމަށެވެ.
އަބްދުﷲ އަލީ ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ހަރަކާތްތަކުގައި ހަތިޔާރު ބޭނުންކުރި ނަމަވެސް އެ ތަކެއްޗަށް ވެސް ބޮޑެތި ހަރަދުތަކެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ހަތިޔާރަކީ ވަކި މުއްދަތެއްގެ ތެރޭގައި ނައްތާލަން ޖެހޭ އެއްޗެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަތިޔާރަކީ މާބޮޑު ހަރަދެއް ދާއެއްޗެއް ނޫން. ހަތިޔާރަކީ ކޮންމެ ގޮތެއްވިއަސް ވަކި މުއްދަތެއްގެ ތެރޭގައި ނައްތާލަން ޖެހޭއެއްޗެއް. ވަކި މިކަމަށޭ ކިޔާފައި އެއްޗެހި ގެނެސް، ނޫނީ މިތަނުގެ ބޭނުމެއް ނުކުރެވޭ ގޮތަށް އެއްޗެހިތަކެއް ބޭނުންކޮށްފައެއް ނުހުންނާނެ. ހަތިޔާރަކީ ކޯއްޗެއްކަށް އަންޑަސްޓޭންޑް [އެނގޭ] ބޭފުޅުން ބޫލުކުރައްވާނެ އޭގައި ވަކި ޑިއުރޭޝަނެއް [މުއްދަތެއް] އޮންނާނެ ކަން އޭތި އެކްސްޕެއާވާން [މުއްދަތު ހަމަވާން].
ޖުމްހޫރީ ދުވަހު ރާޅު ގަނޑު ސަރަހައްދުގައި ސިފައިން ބޭއްވި ހަރަކާތުގައި އަސްލު ވަޒަނުގެ އިތުރުން ބަޒޫކާ އާއި ޓޭންކަރު ފަދަ ބަރު ހަތިޔާރުތައް ބޭނުންކުރި މަންޒަރު ފެނިގެން ދިޔަ އެވެ. އަދި އެ ސަރަހައްދު ތައްޔާރު ކުރުމުގެ ގޮތުން ސިފައިން ގިނަ މަސައްކަތްތަކެއް ކުރި މަންޒަރު ވެސް ފެނިގެން ދިޔަ އެވެ.