18 Aug 2013, 10:16
ހުކުރު ދުވަހުގެ ރޭ މާލޭގައި އޮތް ޖުމްހޫރީ ޕާޓީގެ ޖަލްސާ އަށް އދ. ދަގެނޗާއި އެ އަތޮޅު މަންދޫން މީހުން ގޮވައިގެން މާލެ އައި ވިލާގެ ލޯންޗު އެނބުރި ދިޔަ މަގުމަތީގައި ރަންވެލި ރިސޯޓުގެ ފަރަށް އަރައިފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެރޭ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އެ ހާދިސާ ހިނގީ ވިލާގެ އެންމެ ބޮޑު އެއް ލޯންޗު ކަމަށްވާ "ވިލާރޯޅި26" ދަނގެތީ ފަޅަށް ނުވަދެވިގެން މަޑު ކޮށްލި އިރު ރަންވެލި ފަޅާކައިރީ މަޑުކޮށްލުމުން ކަމަށް ވެސް އެމީހާ ބުންޏެވެ.
"ރަންވެލި ރިސޯޓު ފަޅާއި ދަނގެތީ ފަޅާ ވަރަށް ކައިރި ވާނެ. ފަތިސް ގަޑި ވީމަ އާއި އަނދިރިކޮށް އޮތީމަ ލޯންޗު ނުވަދެ މަޑުކޮށްލީ އިތުރު ދޯންޏެއް މީހުން ބާލަން އަންނާތީ. މަޑުކޮށްލި ގަޑީގައި ރަންވެލި ފަޅާ މާބޮޑަށް ކައިރީގައި މަޑުކޮށްލެވުނީ،" އެމީހާ ބުންޏެވެ.
އޭނާ ބުނީ އެކަން ހިނގިތާ މާގިނަ އިރެއް ނުވެ ސަން އައިލެންޑް ރިސޯޓުގެ ދޯންޏަކާއި ދެ ޓަގެއް ލޯންޗު އޮތް ސަރަހައްދަށް ގޮސް މީހުން ނަގާފައިވާ ކަމަށެވެ. އަދި ވިލާރޯޅި26 ލޯންޗު ވެސް ޓަގެއްގައި ކަފު ޖަހައިގެން އެސަރަހައްދުން ގެންގޮސްފައިވާ ކަމަށެވެ.
އެމީހާ ބުނީ ގޮތުގައި ހަމައެކަނި ދަނގެއްޗަށް ނިސްބަތްވާ 80 މީހުން އެލޯންޗުގައި އެވަގުތު ތިބި ކަމަށެވެ.
ފަރަށް އެރި ވިލާގެ ލޯންޗަކީ 130 މީހުންގެ ޖާގައިގެ ލޯންޗެކެވެ.