18 Aug 2013, 10:03
ޕްރިންސެސް ޑަޔާނާ އަދި އޭނާގެ ލޯބިވެރިޔާ ޑޯޑީ އަލް ފާއިދުގެ މަރާ ބެހޭ ގޮތުން އާ މައުލޫމާތުތަކެއް ލިބުމުން އެ މައުލޫމާތުތައް "އެސެސް" ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ޕޮލިސް ނުވަތަ ސްކޮޓްލެންޑް ޔާޑުން ބުނެފި އެވެ.
ސްކޮޓްލެންޑް ޔާޑުން ބުނީ އެ މައުލޫމާތުތަކުގެ ސައްހަ ކަން ޔަގީންކުރުމަށް ބަލަމުން ދިޔަ ނަމަވެސް،1997 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ހިނގި ހާދިސާ އަލުން ތަހުގީގުކުރަން ފަށާފައިނުވާ ކަމަށެވެ.
ޑަޔާނާ އަދި ޑޯޑީ މަރުވެފައި ވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ ރިޓްޒް ހޮޓެލްގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު އެނބުރި ވަޑައިގެން މަގުމަތީ ހިނގި ކާރު އެކްސިޑެންޓެއްގަ އެވެ.
ދެހާސް އަށް ވަނަ އަހަރު އިނގިރޭސިވިލާތުން ހިންގި ތަހުގީގަކަށް ފަހު، ނިންމާފައި ވަނީ ޑަޔާނާ އަދި ޑޯޑީ މަރުވެފައި ވަނީ ދުއްވަމުން ދިޔަ ކާރުގެ ޑްރައިވަރުގެ ފަރުވާކުޑަކަމުން ކަމަށެވެ.
މެޓްރޮޕޮލިޓަން ޕޮލިހުން ބުނީ އެ މައްސަލަ ބަލަމުންދަނީ ސްކޮޓްލެންޑް ޔާޑުގެ ސްޕެޝަލިސްޓް ކުރައިމްސް އެންޑް އޮޕަރޭޝަންސް ކޮމާންޑުން ކަމަށެވެ.
އިނގިރޭސިވިލާތުގެ ބައެއް ޓެބްލޮއިޑް ނޫސްތަކުން ބުނެފައި ވަނީ ސްކޮޓްލެންޑް ޔާޑަށް ލިބިފައިވާ އާ މައުލޫމާތުތަކަކީ އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ މަސްދަރަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތުގެ ތެރޭގައި ޑަޔާނާގެ މަރުގައި އިނގިރޭސި އަސްކަރިއްޔާ އިން ދައުރެއް ކުޅެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކެއް ހިމެނޭ ކަމަށެވެ.
އިނގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިންސް ޗާލްސްގެ ކުރީގެ އަނބިކަނބަލުން އަދި ޕްރިންސް ވިލިއަމް އަދި ހެރީގެ މަންމަ ޕްރިންސެސް ޑަޔާނާ މަރުވެފައި ވަނީ އުމުރުން 36 އަހަރުގަ އެވެ.
ޑަޔާނާ މަރުވި އެކްސިޑެންޓް ތަހުގީގުކުރުމަށް ފަހު ފަރަންސޭސި ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓް ހިނގާފައި ވަނީ ކުއްޔަށް ހިފާފައިވާ މާސެޑީޒް ކާރުގެ ޑުރައިވަރުގެ ފަރުވާކުޑަ ކަމުން ކަމަށާއި ކާރު ދުއްވިއިރު ޑުރައިވަރު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ޑަޔާނާ މަރުވި އެކްސިޑެންޓަކީ ގަސްތުގައި ޑަޔާނާ މަރާލަން ކުރި ކަމެއް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސްކޮޓްލެންޑް ޔާޑާއި ލަންޑަންގައި ހުންނަ ރޯޔަލް ކޯޓް އޮފް ޖަސްޓިސްއިން ވެސް ވަނީ ތަހުގީގެއް ހިންގާފަ އެވެ.
އެ ތަހުގީގުތަކަށް 9.5 މިލިއަން ޕައުންޑު ހޭދަކުރުމަށް ފަހު، ދެފަރާތުން ވެސް ބުނެފައި ވަނީ ފަރަންސޭސިވިލާތުގެ ފުލުހުންގެ ހޯދުންތައް ރަނގަޅު ކަމަށާއި އެކްސިޑެންޓް ހިނގާފައި ވަނީ ޑްރައިވަރުގެ އިހުމާލުން ކަމަށެވެ.