18 Aug 2013, 09:54
ގ. ވޭރު އަބްދުލްމުހީތު މަރާލިކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު 10:00ގައި ބާއްވަން ޝެޑިއުލްކުރި ޝަރީއަތް ކެންސަލްކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތްތަކުން ދިފާއުގައި ހުށަހަޅާފައިވާ ހެކީން ކޯޓަށް ހާޒިރު ނުކުރެވޭތީ ކަމަށެވެ.
"ދައުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ދިފާއީ ހެކީން ކޯޓަށް ހާޒިރުނުކުރެވޭތީ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ،" މަނިކު ވިދާޅުވި އެވެ.
މުހީތު މަރާލި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ އެ މީހުންގެ ތެރެއިން މުޝައްފައު ދިފާއުގައި ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގާފަ އެވެ.
އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަވެސް ހެކިބަސް ދެމުން ބުނެފައި ވަނީ މުހީތު މަރާލިވަގުތު އޭނާ އޮތީ ގޭގައި ނިދާފައި ކަމަށެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.
މުހީތު މަރާލުމުގެ ކުށުގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.