18 Aug 2013, 09:50
މެނީލާ (އޮގަސްޓް 18): ފިލިޕީންސްގެ ކަނޑުގެ އައްސޭރިފަށުގައި ކާގޯ ބޯޓަކާއި ފެރީ ބޯޓެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށާ 214 މީހުން ގެއްލިފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެގައުމުގެ ކޯސްޓް ގާޑުން ބުނެފި އެވެ.
ފިލިޕީންސްގެ ކޯސްޓް ގާޑުގެ ވެރިޔާ އެޑްމިރަލް ލުއިޒް ޓަވަޒޯން ވިދާޅުވީ މިއެކްސިޑެންޓްގައި ކަނޑަށް ޣަރަޤުވި 800 އެއްހާ މީހުންގެ ތެރެއިން 630 ކޯސްޓް ގާޑުން ސަލާމަތްކުރި ކަމަށާ ބައެއްމީހުން އަމިއްލައަށް ވެސް ސަލާމަތް ވެފައިވާ ކަމުގަ އެވެ. އެކްސިޑެންޓްވި ފެރީ ބޯޓަކީ 40 އަހަރުވަފައިވާ ބައު ބޯޓެއް ކަމަށާ ފަސިންޖަރުންގެ އިތުރުން ގިނަ އަދަދެއްގެ ކޮންޓޭނަރު ވެސް އެ ފެރީގައި ހުރިކަމަށް ޚަބަރުލިބެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއެކްސިޑެންޓްގައި ކަނޑަށް ޣަރަޤުވި 800 އެއްހާ މީހުންގެ ތެރެއިން 630 މީހުން ސަލާމަތްކުރުމުގައި ފިލިޕީންސްގެ ކޯސްޓް ގާޑަށް އެހީތެރިވީ އެގައުމުގެ މަސްވެރިންގެ ކުދި ބޯޓުތަކުންނެވެ. މަސްވެރިންގެ ބޯޓުތައް އެވަގުތު އެތާނގެ ކައިރީގައި ތިބުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގައި އެބޯޓުތަކުން ވަރަށްބޮޑު ދައުރެއް އަދާކުރިކަމަށްވެ އެވެ. މިއީ 1987 އަށް ފަހު ފިލިޕީންސްގައި ހިނގި ކަނޑުގެ އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ. ފަގީރު ގައުމެއް ކަމަށްވާ ފިލިޕީންސްގައި ކޮންމެ އަހަރަކު ކަނޑުމަތީގެ ޙާދިސާތަކުގައި އެތައްސަތޭކަ ބަޔަކު މަރުވެ އަދި ގެއްލެމުންދެ އެވެ.
7100 ޖަޒީރާ ހިމެނޭ ފިލިޕީންސަކީ ކަނޑުގެ ސަލާމަތީ ކަންތައްތައް ވަރަށް ދޯދިޔާ ގައުމެއް ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)