18 Aug 2013, 09:42
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗްގެ މަގާމްގައި ހުރި ސްލޮވާކިޔާގެ ވަލްޑަމީރު ގޮފާގެ ތިން މަހުގެ މުސާރަ އާއި ޕާސްޕޯޓް އަދި ޓިކެޓް ފައިސާ އެކުލަބުން ނުދީ ހިފެހެއްޓުމުން ގޮތްހުސްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.
ކޯޗް ގޮފާ ސޮއިކޮށް "ސަން" އަށް ފޮނުވި އެއް ސޮފްހާގެ ސިޓީއެއް ގައި އޭނާ ވަނީ ވިކްޓަރީން ކަންތައްތައް ކުރަމުން އަންނަ ގޮތް ވަރަށް ސާފް އިބާރަތުން ބުނެދީފަ އެވެ.
ގޮފާގެ ސިޓީގައި ބުނެފައި ވާގޮތުން، އޭނާއަށް ލިބެން ޖެހޭ ތިން މަހުގެ މުސާރަ ހޯދަން އެތައްފަހަރެއްގެ މަތިން ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދާއި ކުލަބުގެ އެހެނިހެން ވެރިނަށް ގުޅުމުން "އަބަދުވެސް ބުނަނީ މާދަން މާދަން މުސާރަ ދޭނެ" ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް އައި އިރުވެސް އެމުސާރަ ލިބޭގޮތް ނުވާ ކަމަށް އެ ސިޓީގައި ގޮފާ ބުނެފައި ވެއެވެ.
ގޮފާގެ ސިޓީގައި ބުނެފައިވަނީ އޭނާ މީޑިއާއަށް ސިޓީ ފޮނުވަން ޖެހުނީ ވާހަކަ ދައްކައިގެން އެއްވެސް ކަމެއް ހައްލުނުވެ، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން އަމިއްލަ ގައުމަށް ދާން ބޭނުންވެ ނުދެވި"ގޮތް ހުސްވެގެން" ކަމަށެވެ.
ނިއު އާއި ހުރައަށް ދިވެހި ލީގު ކާމިޔާބުކޮށްދީ މި އަހަރު ވިކްޓަރީ ރެލިގޭޝަނުން ސަލާމަތްކޮށްދިން ކޯޗު ބުނެފައިވަނީ ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އޭނާއަށް މުސާރަ ދޭން ޖެހޭނެ ކަމަށާއި އެމުސާރަ އޭނާއަށް ދޭން ޖެހޭނީ އެމެރިކާ ޑޮލަރުން ކަމަށެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން "ވަރަށް އަސަރާއެކު" ގޮފާ ބުނީ، ވިކްޓަރީގެ މެނޭޖްމަންޓުން ހަދަނީ ހުސްދޮގު ކަމަށާއި އަބަދުވެސް ލިބޭ ޖަވާބަކީ "މަދަމާ ހަމަޖެހޭނެ،" ކަމަށެވެ.
"ދުވަހަކުވެސް މާދަމާއެއް ނާދޭ. މުޅިން ހަދަނީ ދޮގު. އަހަރެން މިކަމާ ހިތާމަ ކުރަން. އަހެރން ގެ އާއިލާ މެންބަރުންނެއް މިތާކު ނުތިބެ. އަހަރެން މިހިރީ ހަމަ ބުނާނެ އެއްޗެއް ނޭގިފަ. އަހަރެން މިކަން އެފްއޭއެމްއަށް ވެސް އަންގައިފިން . ކުޅިވަރާ ބެހޭ މިނިސްޓްރީއަށް ވެސް އަންގައިފިން" ގޮފާ ބުންޏެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު ވިދާޅުވީ، ގޮފާއަށް ދޭން ޖެހޭ އޮތީ ތިން މަހުގެ މުސާރައެއް ނޫން ކަމަށާއި ދޭން އޮތީ އެންމެ ދެ މަސްދުވަހުގެ މުސާރަ ކަމަށެވެ. އަދި މިހަފްތާތެރޭގައި އޭނަގެ އެކައުންޓަށް ބާކީ އޮތް އެއް މަހުގެ މުސާރަ ޖަމާ ކުރާނެ ކަމަށް ޒަރިޔަަންދު ވިދާޅުވިއެވެ.
"ކަންތައްތައް ދާގޮތް ވަރަށް ރަނގަޅަށް ކޯޗަށް ކިޔައިދީފިން. އޭނަ އެއުޅެނީ މޮޔަވެގެން. ކޯޗަށް ދޭން ޖެހެނީ ތިން މަހުގެ މުސާރައެއް ނޫން. އޭނާ އެހަދަނީ ދޮގު" ޒަރިޔަންދު ވިދާޅުވި އެވެ.