ޤާހިރާ (އޮގަސްޓް 17): ޢަސްކަރީ އިންޤިލާބެއްގައި މިސްރުގެ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާޢަތް ރޫޅާލައި އެޖަމާއަތް ޣައިރު ޤާނޫނީ ޖަމާޢަތަކަށް ހެދުމާ މެދު ވިސްނަމުންދާ ކަމަށް މިސްރުގެ ވަގުތީ ސަރުކާރުން ބުނެފި އެވެ.

މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ތަރްޖަމާން ޝަރީފް ޝައުޤީ ވިދާޅުވީ އިޚްވާނުލްމުސްލިމޫން ޖަމާޢަތް ރޫޅާލައި އެޖަމާއަތް ޣައިރު ޤާނޫނީ ޖަމާޢަތަކަށް ހެދުމަށް ބޮޑުވަޒީރު ޙާޒިމް އަލްބިބްލާވީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާ އަށް ހުށަހަޅުއްވާފައިވާ ކަމަށާ މިހުށަހެޅުމާ މެދު ސަރުކާރުން ވިސްނަމުންދާ ކަމުގަ އެވެ. މިސްރުގެ ސިޔާސީ އެންމެ ބޮޑު ޖަމާޢަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާޢަތް ރޫޅާލައި އެޖަމާއަތް ޣައިރު ޤާނޫނީ ޖަމާޢަތަކަށް ހެދުމާ ބެހޭ ގޮތުން މިސްރުގެ ވަގުތީ ސަރުކާރުން ވާހަކަދައްކާފައިމި ވަނީ މުރުސީ އަށް ތާއީދުކުރާ އެތައް ލައްކަބަޔަކު ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި ސުލްޙަވެރިކަމާ އެކު ކުރަމުން ގެންދިޔަ އިޙްތިޖާޖްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ބަރުހަތިޔާރުން ޙަމަލާދީ 625 އަށް ވުރެ ގިނަމީހުން މަރާލައި ދެހާހެއްހާ މީހުން ޒަޚަމްކޮށްލި ބިރުވެރި ޤަތްލު އާންމަށްފަހު އެވެ.

މިޤަތްލު އާންމަށް ފަހު މިސްރުގެ ވަގުތީ ސަރުކާރުގެ ސަލާމަތީ ބާރުތަކުން މިދިޔަ ހުކުރު ދުވަހު ވެސް ވަނީ މުރުސީ އަށް ތާއީދުކުރާ އެތަށް ހާސްބައެއްގެ ގަޔަށް ޤާހިރާގެ ރެމްސީސް މައިދާނުގައާއި އެނޫން ސަރަހައްދުތަކުގައި ބަޑިޖަހައި 173 މީހަކު މަރާލާފަ އެވެ. މިޤަތްލު ޢާންމުތައް ދިފާޢުކުރުމުގެ ގޮތުން މިސްރުގެ އިންޤިލާބީ މަސްއޫލުވެރިން ވަނީ މުރުސީ އަށް ތާއީދުކޮށް އިޙްތިޖާޖްތައް ކުރަމުން ގެންދިޔަ އާންމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް އެމީހުން އެތާނގައި ތިބެގެން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމަށް ރާވަމުން ދިޔަކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން މިކަން ދޮގުކުރެ އެވެ. އަދި މިއީ މިސްރުގެ ސިފައިން މިސްރުގެ ކުށެއްނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ޤަތުލު އާންމުތަކާއި މުރުސީގެ ވެރިކަން ވައްޓާލުމަށް ގެނައި އިންޤިލާބު ދިފާޢު ކުރުމުގެ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ވެސް އިޚްވާން ޖަމާޢަތުން ބުނެ އެވެ. މުރުސީ އަށް ތާއީދުކުރާ މީހުންގެ އިޙްތިޖާޖްތައް ރޫޅާލި ނަމަވެސް މިސްރުގެ އިންޤިލާބީ ވެރިންނާ ދެކޮޅަށް ޑިމޮކްރަސީ އަށް ގޮވާލައި މިސްރުގެ ކަންކޮޅުތަކުގައި ގިނައަދަދެއްގެ ބަޔަކު ގެންދަނީ އިޙްތިޖާޖްތައް ކުރަމުންނެވެ. މިއިޙްތިޖާޖްތަކާ ގުޅިގެން މިސްރުގެ ސަލާމަތީ ބާރުތަކުން ވަނީ އިޚްވާން ޖަމާއަތުގެ ގިނައަދަދެއްގެ ލީޑަރުންނާއި އެޖަމާއަތުގެ އެތައް ހާސް މެންބަރުން ހައްޔަރުކޮށްފަ އެވެ.

މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ހިންގި ޤަތްލު ޢާންމުތައް މުޅިދުނިޔެ ކުށްވެރިކުރާއިރު ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމްރޭޓްސް އިން ވަނީ މިކަމަށް ތާއީދުކޮށްފަ އެވެ. ސައޫދީ ރަސްގެފާނު އަބްދުﷲ ވަނީ މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ހިންގި މީހުން މެރުމުގެ އަނިޔާވެރި ޢަމަލުތަކަކީ ޓެރަރިޒަމާ ދެކޮޅަށް ހިންގި ޢަމަލުތަކެއް ކަމަށް ސިފަކުރައްވައި ބަޔާނެއް ނެރުއްވާފަ އެވެ.

ޔުނައިޓެޑް އަރަބް އިމްރޭޓްސް އިންވެސް ވަނީ މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ހިންގި ގަތްލުއާންމަކީ ޓެރަރިޒަމާ އިދިކޮޅަށް އެޅި ފިޔަވަޅެއް ކަމަށް ސިފަކޮށް މިސްރުގެ އިންޤިލާބީ ސަރުކާރަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. ވިރާޘީ ރަސްކަމެއްކުރާ މިދެގައުމަކީ މުރުސީ މަޤާމުން ދުރުކުރުމަށް މިސްރު ސިފައިން މިދިޔަ ޖުލައި މަހުގެ 3 ގައި ގެނައި ޢަސްކަރީ އިންޤިލާބަށް ވެސް ފާޅުގައި ތާއީދުކުރި ދެގައުމެވެ. މިސްރުގެ އިންޤިލާބީ ލީޑަރުންވަނީ މިކަމަށްޓަކައި މިދެ ގައުމަށް ޝުކުރު އަދާކުރައްވާފަ އެވެ. (އަލްޖަޒީރާ)